ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފަސްވަނަ ދުވަހުގެ މެޗުތަކުގައި ދިއްދޫ ބްލެކް ޒީނޯއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ދިއްދޫއިން ކާމިޔާބުކުރި އިރު، ޓީމް ނެއްލައިދޫއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދިއްދޫއިން ކުޅުދުއްފުށީގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައިފުރަތަމަ ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ކުޅުދުއްފުއްޓަށެވެ. މެޗުގެ 21 ވަނަ މިނެޓުގައި ދިއްދޫގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއިއެކު ރެފްރީ ވަނީ ކުޅުދުއްފުއްޓަށް ޕެނަލްޓީއެއް ދީފައެވެ. ކުޅުދުއްފުށީގެ ޕެނަލްޓީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، އަހްމަދު ދާއޫދޫ ފޮނުވާލިއިރު، އެ ޕެނަލްޓީ ދިއްދޫގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ދިއްދޫއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ދިއްދޫއަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ހުސެއިން ޒިމްޔާންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ މި ނަތީޖާއިންނެވެ.

މެޗުގައި ދިއްދޫއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ވެސް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު މެޗުގެ މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، ތައުމީން ނޫހެވެ. ދިއްދޫއަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ 75 ވަނަ މިނެޓުގައި، އެ ޓީމްގެ ޖޯޒީ ނަމްބަރު 21، އާދަމް ނަސީމެވެ.

މެޗުގައި ކުޅުދުއްފުށިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21، ޒައިދު މުހައްމަދެވެ.

މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އިހަވަންދޫ ކުލަބް ޕޯލްސްޓާއާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ޕާސިން ގޭމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ނެއްލައިދޫއިންނެވެ. މި ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 26، އަލީ ޝާހީންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިހަވަންދޫއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21، މުހައްމަދު ސާނިއުއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން މިއަދު ނިމިފައިވާއިރު، މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ދިއްދޫއެވެ. ދިއްދޫއަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ކުޅުދުއްފުށި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއި އެކުގައެވެ. ޕޮއިންޓް ތާވަލުގެ ތިންވަނާގައި ޓީމް ހަނިމާދޫ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއި އެކުގައެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ޓީމް ހަނިމާދޫއާއި ދެކޮޅަށް ނުކުންނާނީ ނެއްލައިދޫއެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި ދިއްދޫއާއި ދެކޮޅަށް ނުކުންނާނީ އިހަވަންދޫއެވެ.