މެޗުގެ ފަހުކޮޅު ކާމިޔާބުކުރި މުހިންމު ލަނޑުތަކާއެކު، އިޓާލިއަން ސެރީ އާގައި ފިއޮރެންޓީނާ އަދި ސްޕެނިޝް ލަލީގާގައި ޑެޕޯޓިވޯ ލަކޮރޫނިއާއިން މޮޅުނުވެ ދިގުލައިގެން ގޮސްފައި އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފިއެވެ. މީގެއިތުރުން، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް އެވަޓަން އިން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފައެވެ.
ހޯމަ ދުވަހު ކުޅުނު ސެރީ އާގެ މެޗުގައި ސަސުއޯލޯގެ މައްޗަށް ފިއޮރެންޓީނާއިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު މި މެޗުގައި، ސަސުއޯލޯގެ އަރމަންޑް ލައުރިއެންޓޭ ޖެހި ދެވަނަ ލަނޑާއެކު 65 ވަނަ މިނެޓުގައި އަނެއްކާވެސް ނަތީޖާ އެއްވަރުވިއެވެ. ނަމަވެސް، ރެއާލް މެޑްރިޑުން ފިއޮރެންޓީނާއާ ގުޅި، ސެރީ އާގައި ފުރަތަމަ ފަހަރަށް ކުޅެމުން އަންނަ މިޑްފީލްޑަރު ފްރޭންކޯ މަސްތަންތުއޯނޯ 79 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފިއޮރެންޓީނާއަށް އަލުން ލީޑު ނަގައިދިނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ވިކްޓާ ވަލްދެޕެނާސް ވަނީ ފިއޮރެންޓީނާގެ ހަތަރުވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފައެވެ.
މި ސީޒަނުގައި ދެވަނަ ކޯޗަކާ އެކު ކުރިއަށްދާ ފިއޮރެންޓީނާއަށް މިއީ ސެޕްޓެމްބަރު 11 ގެ ފަހުން ލިބުނު ފުރަތަމަ މޮޅެވެ. މި ކާމިޔާބީއާއެކު، ރެލިގޭޝަން ޒޯނުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައި އޮތް ފިއޮރެންޓީނާ ވަނީ 20 ޓީމު ވާދަކުރާ ލީގުގެ 16 ވަނައަށް ޖެހިލައި، 52 ދުވަހުގެ މޮޅުނުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ. ޖެހިޖެހިގެން ހަތަރުވަނަ މެޗުން ބަލިވި ސަސުއޯލޯ އޮތީ ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ 17 ވަނައިގައެވެ. މީގެއިތުރުން، ރެލިގޭޝަނުގެ ބިރު އޮތް ދެ ޓީމުގެ ކުރިމަތިލުމުގައި ޕާމާއިން ވަނީ އެޓަލާންޓާ 3-0 އިން ބަލިކޮށް، ތިން މެޗަށް ފަހު ފުރަތަމަ މޮޅު ހޯދައިފައެވެ. މި ނަތީޖާއާއެކު ޕާމާ 15 ވަނައަށް އަރައި ފިއޮރެންޓީނާ ފަހަތަށް ވައްޓާލިއިރު، އެޓަލާންޓާއިން މޮޅެއް ނުލިބި ހޭދަކުރި މުއްދަތު ވަނީ ހަތަރު މެޗަށް އިތުރުވެފައެވެ.
ސްޕެނިޝް ލަލީގާގައި ޑެޕޯޓިވޯ ލަކޮރޫނިއާއިން ވަނީ އޮސަސޫނާގެ މައްޗަށް 2-1 އިން އަމިއްލަ ދަނޑުގައި ފަހަތުން އަރައި ކުރިހޯދައިފައެވެ. މި މެޗުގެ 87 ވަނަ މިނެޓުގައި ޑެޕޯޓިވޯ މޮޅުކޮށްދިން ލަނޑު ޖެހީ މިދިޔަ މެއި މަހު އެ ޓީމު ލީގަށް ޕްރޮމޯޓްވުމުގައި މުހިންމު ދައުރެއް އަދާކުރި ބިލް އެންސޮންގޯއެވެ. މިއީ ސެޕްޓެމްބަރު 6 ގެ ފަހުން ލީގުގައި ޑެޕޯޓިވޯ މޮޅުވި ފުރަތަމަ ފަހަރެވެ. ހަ މެޗަށް ދެމިގެންދިޔަ މޮޅުނުވުމުގެ ސިލްސިލާ ނިންމާލުމަށްފަހު އެ ޓީމު މިހާރު ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލައިފައެވެ. އަނެއްކޮޅުން، އޮސަސޫނާއަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ލިބިފައިވަނީ އެންމެ މޮޅެކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި، މެޗުގެ 49 ވަނަ މިނެޓުގައި ތިއާނޯ ބެރީ ކާމިޔާބުކުރި ހަމައެކަނި ލަނޑުން އެވަޓަން ވަނީ 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. އެންމެ ފަހުން ލީގުގައި ޗެލްސީ އަދި އާސެނަލް އަތުން ބަލިވެފައިވާ އެވަޓަން ވަނީ މި މޮޅާއެކު ނިއުކާސަލްގެ މައްޗަށް ކުރިހޯދައި، ނުވަ މެޗަށްފަހު ތާވަލުގެ ހަތްވަނައަށް ޖެހިލައިފައެވެ. މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެވަޓަން އަތުން ނިއުކާސަލް ބަލިވި ދެވަނަ ފަހަރެވެ. އިނގިރޭސި ލީގު ކަޕުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުން ވެސް އެވަޓަން ވަނީ 3-1 އިން ނިއުކާސަލް ބަލިކޮށްފައެވެ.
ފްރެންޗް ލީގު 1 ގައި ބްރެސްޓް ވަނީ 2-0 ގެ ނަތީޖާއަކުން ލޮރިއެންޓް ބަލިކޮށް މުހިންމު ކާމިޔާބީއެއް ހޯދައިފައެވެ. ލީގުގެ ނުވަވަނަ ބުރުގެ މި މެޗުގައި ބްރެސްޓުން ޖެހި ދެ ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުޑޮވިކް އަޖޯކޭ އަދި ނޯއާ އެޖޫމާއެވެ. މި ނަތީޖާއާއެކު ބްރެސްޓް އޮތީ ފައިދާ ގޯލުގެ ތަފާތުން ލޮރިއެންޓްގެ ކުރި ހޯދައި، ލީގު ތާވަލުގެ 10 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!