ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާ ދުރާލާ ރާވައިގެން ކުރީގެ ފިރިމީހާ މަރާލީ ކަމަށް ދައުލަތުން ބުނާތީ ނަޒާހާގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖޫން، 2010 ގައި މާލޭގައި ނަޒާހާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ، ހަސަން ޝާހިދަށް ވަޅިން ހަމަލާދިން މައްސަލާގައި ނަޒާހާ އުމުރަށް ޖަލަށްލި ހުކުމް ހައި ކޯޓުން ދެމެހެއްޓި މައްސަލަ ނަޒާހާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ އާންމުކޮށް ލައިވްކޮށް ދައްކަމުންދާ ޝަރީއަތެއްގައި، ޝާހިދު މަރާލީ ދުރާލާ ރާވައިގެން ކަމަށް ދައުލަތުން ބުނާތީ ނަޒާހާގެ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ. އަދި މި މަރުހަލާގައި އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝާހިދު މަރާލުމުގެ ކުރިން، ޝާހިދާއި ނަޒާހާއާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަން ދައްކަން ދައުލަތުން މަސައްކަތްކުރާ ކަމަށެވެ. އެކަމަކު ޝާހިދުގެ ފަރާތުން ނަޒާހާއަށް އެތައް ފަހަރަކު އަނިޔާ ލިބިގެން އެކަން ފުލުހުން ވެސް ބަލާފައި ހުރި ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
އެގޮތުން ނަޒާހާ އިމްތިހާނެއް ހަދަން ދަނިކޮށް ނަޒާހާގެ ބޮލަށް ޝާހިދު ހަމަލާދިނުމުން އިމްތިހާން ނުހެދި، ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝާހިދަށް ވަޅިން ހަމަލާދެވުނީ، އޭނާ ގެއަށް ވަނުމަށްފަހު ނަޒާހާއަށް ހަމަލާދޭން ހަތިޔާރެއް ހޯދަން ފެށީ ކަމަށް ހީވުމުން ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
ދައުލަތުން ބުނީ ނަޒާހާ އާއި ޝާހިދާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަން ދައްކަން ދައުލަތުން މަސައްކަތް ނުކުރާ ކަމަށެވެ.
ނަޒާހާ ސްކޫލްގައި ކިޔެވީ ކޮން ގްރޭޑްތަކާ ހަމައަށްތޯ އާއި ދިވެހި އަދި އިސްލާމް ފަދަ މާއްދާ ކިޔެވިންތޯ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެއްސެވި އެވެ. އަދި މީހަކު މެރުމަކީ އިސްލާމްދީނުގައި ބޮޑު ކުށެއް ކަން އެނގޭތޯ ވެސް އޭނާއާ ސުވާލުކުރެއްވި އެވެ.
ނަޒާހާ ބުނީ އަމީނިއްޔާގެ ގްރޭޑް 10 އާ ހަމައަށް ކިޔެވިން ކަމަށެވެ. އަދި އިސްލާމް މާއްދާ އާއި ދިވެހި މާއްދާ ވެސް ކިޔެވި ކަމަށް އޭނާ ބުންޏެވެ. އަދި މީހަކު މެރުމަކީ ކުށެއް ކަން އޭރު ވެސް އިނގޭ ކަމަށް ނަޒާހާ ބުންޏެވެ.
ކުރީގެ ފިރިމީހާ މެރުމުގެ ކުރިން ނަޒާހާ މެސެޖެއް: "މަރުވާން ވެސް އުޅޭ އެއްޗެއް ނޫން،"
ނަޒާހާ ކިބައިގައި މެރުމުގެ ގަސްދު އޮތްކަން އެނގެނީ ކިހިނެތްތޯ އުއްތަމަ ފަނޑިޔާރު އެއްސެވުމުން ދައުލަތުން ބުނީ ހަމަލާދިން ގޮތާއި ބޭނުންކުރި ހަތިޔާރުން އެކަން އެނގޭ ކަމަށެވެ. ނަޒާހާ ހަމަލާދިނީ ޝާހިދުގެ ބުރަކަށްޓަށް ކަމަށްވާއިރު ބޭނުންކުރީ ވަޅި އެކެވެ.
ކުރީގެ ފިރިމީހާ މަރާލެވުނީ ވިސްނާނުލާ ދެވުނު ހަމަލާއަކުން: ނަޒާހާ
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!