އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ހޯދަން އޯގަސްޓް މަހުން ފެށިގެން ކޭޝް ކާޑު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދަޅުވީ ބަހުގެ ދަތުރުތަކުގައި ނަގުދު ފައިސާ ބޭނުންކޮށްގެން ކާޑު ރީޗަރޖް ކުރުމަކީ ދަތިކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅު ކުރުމުންނެވެ. އެގޮތުން "ޓަޗް އެންޑް ގޯ" ބީއެމްއެލް ކާޑުގެ ހިދުމަތާ އެކު ކިއުއާރް ކޯޑު ވެސް ބޭނުން ކޮށްގެން ބަހުގެ ހިދުމަތަށް ފައިސާ ދެއްކޭނެ ކަމަށް އޭނާ ޖަވާބުގައި ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

Ad
rt

އާރުޓީއެލްގެ ހިދުމަތްތައް ހޯދުމުގައި ކޭޝްކާޑު ބޭނުން ކުރެވޭ އިންތިޒާމްތައް ހަމަޖެއްސުމަށް އެމްޓީސީސީއާ ބީއެމްއެލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އެ ހިދުމަތާ އެކު ބީއެމްއެލް އިން ގަބޫލުކުރާ ކޭޝް ކާޑާއި ކިއުއާރް ކޯޑުން މޮބައިލް ޕޭ މެދުވެރިކޮށް ވެސް ބަސް ދަތުރަށް ފައިސާ ދެއްކޭނެއެވެ.

އެމްޓީސީސީން ދާދި ފަހުން ވަނީ އެ ކުންފުނީގެ ބަހުގެ ޚިދުމަތް ފުޅާކޮށް ފްލީޓުވެސް ބޮޑުކޮށްފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ދަތުރުތައް އިތުރުކޮށް 15 ޑަބަލް ޑެކާ ބަސް ވަނީ ފްލީޓަށް އިތުރުކޮށްފައެވެ.

މިހާރުވެސް މާލެ ސަރަހައްދުގައި ބަސް ދަތުރުކުރާ ވެސްޓް ޕާކް ރޫޓް، ކާނިވާ ރޫޓް އަދި އެއާޕޯޓް ރޫޓަށް ކޮންމެ 10 މިނިޓަކާއި 15 މިނިޓެއްގެ ތެރޭގައި ހުޅުމާލެ 2 އިން ބަސް ދަތުރު ކުރެއެވެ.