ހދ. އަތޮޅު ލީގު، ބަށިބޯޅަ މުބާރާތް 2022 ގެ ރަނަރަޕްކަން ލިބުނު ޓީމް ނެއްލައިދޫ އިން އެ މުބާރާތުން ފަޚުރުވެރި ވަނަތަކެއް ވެސް ހޯދައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗްގައި މި މަހުގެ 11 ވަނަ ދުވަހު ބައްދަލުކުރީ ކުޅުދުއްފުށީ ކޮރަލްސް އާއި ޓީމް ނެއްލައިދޫ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ކޮރަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 28-25 ލަނޑުން ނެއްލައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

ނެއްލައިދޫ ޓީމްގޮވައިގެން އިސްސަފުގައި މަސައްކަތް ކުރެއްވި އެރަށު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، ކުޑަ ތަފާތަކުން ޗެމްޕިއަންކަން ގެއްލުނު ނަމަވެސް ނެއްލައިދޫ ޓީމުން ދެއްކީ ހިތްވަރުގަދަ ތައުރީފް ހައްގު ކުޅުމެއް ކަމަށެވެ.

"އަޅުގަނޑުމެންކަހަލަ ކުޑަ އާބާދީއަކުން ހޮވާލެވުނު ޓީމެއް ބޮޑު އާބާދީއަކުން ހޮވާލާފައިވާ ޓީމަކާ ދެކޮޅަށް ދެއްކީ ވަރަށް މޮޅު ކުޅުމެއް، ޓީމު ކުޅުންތެރިންގެ މަސައްކަތަށް ހަމަ އައްސަރިބަހާ ސާބަސްދެން" އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ މައުލޫމާތު ދެއްވި ގޮތުގައި މުބާރާތުގެ ފަޚުރުވެރި ގަނަ ވަނަތަކެއް ވެސް އެ ޓީމަށް ލިބުނެވެ. މިގޮތުން މުބާރާތުގެ އެންމެ ޝަރަފްވެރިި މަޤާމް، މުބާރާތުގެ ބަށިރާނީގެ މަގާމު ހޯދީ ޓީމު ނެއްލައިދޫގެ އައިޝަތު ރަޝީދާ އެވެ. ރަޝީދާ ވަނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފައެވެ. އަދި މުބާރާތުގައި އެންމެ ގިނަ ބޯޅަ ޖެހި ކުޅުންތރިޔާ އަކީ ވެސް އާއިޝަތު ރަޝީދާއެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި އެ ޓީމްގެ 4 ކުޅުންތެރިއަކު ހިމެނުނެވެ. އެ ކުޅުންތެރިންނަކީ، ސަހާމާ އިބުރާހިމް، އާއިޝަތު ރަޝީދާ، އާއިޝަތު ދިމްނާގެ އިތުރުން މަދީހާ މުހައްމަދެވެ.

މުބާރާތުގެ އެންމެ ގިނަ ބޯޅަ ހިފީ އެ ޓީމުގެ ސަހާމާ އިބުރާހިމްއެވެ. އަދި މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ ހަމަ އެ ޓީމްގެ މަރްޔަމް ރިފާއެވެ.

މުބާރާތުގެ އެންމެ ހިތްވަރުގަދަ ކޯޗަކަށް ހޮވުނީވެސް ޓީމް ނެއްލައިދޫގެ ލީލާ މުހައްމަދެވެ.

ޓީމް ނެއްލައިދޫ ހޯދި މި ބޮޑު ކާމިޔާބީއާއިއެކު ރަށަށް ދިޔުމުން އެ ޓީމަށް އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއްކިޔައި އުފާ ފާޅުކޮށްފައެވެ.