ހއ. އިހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފިއެވެ.
ސަރުކާރުން ވަނީ އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތް ވީހާވެސް ފުރިހަމަކުރުމަށްޓަކައި އެރަށުގެ ކަރަންޓް ނެޓްވޯރކު ހައިވޯލްޓޭޖް ނެޓްވޯކަކަށް ބަދަލުކޮށް ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައެވެ.
ހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންދިޔުމާއި ގުޅިގެން އެކަން ފާހަގަކުރައްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައި ވަނީ، އެރަށަކީ 24 ގަޑީއިރު ކަރަންޓް ފޯރުކޮއްދޭ ރަށެއްކަން ފާހަގަކުރައްވަމުން، ނަމަވެސް ރަށުގެ ގޭބީސީއަށް ފޯރުކޮއްދެވޭ ކަރަންޓާމެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތްކަން ވެސް ފާހަގަ ކުރައްވާފައެވެ.
އިހަވަންދޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަަށް މުޅިރަށުގެ ކަރަންޓް ނެޓްވޯކު ހައިވޯލްޓޭޖް ނެޓްވޯކަކަށް ބަދަލުކޮށް، ޓްރާންސްފޯމަރު ބެހެއްޓުމަކީ، ރައްޔިތުން ތަހައްމަލް ކުރަމުންދާ އުދަގޫތަށް ހައްލުކުރުމަށް މިސަރުކާރުން ގެންގުޅެމުންދާ ތަސައްވަރު ކަމަށް ޝިފާޢު ވިދާޅުވެފަވެއެވެ.
ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ކުންފުނީގެ ދަށުން ކަރަންޓް ފޯރުކޮށްދޭ ރަށްރަށުގެ އިންޖީނުގޭތައް ޒަމާނީކޮށް، ކަރަންޓް ނެޓްވޯކު އަޕްގްރޭޑްކޮށް އަދި އާ އިންޖީނުތައް ފޯރުކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނަށް ވީހާވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އެ ކުންފުނިން ގެންދަވަނީ މަސައްކަތްތައް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!