ށ. ކޮމަންޑޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު މަތިކޮމަންޑޫއާއި، ކުޑަފަރުފިނޮޅު ހިމަނައިފިއެވެ.

އެބަދަލު ގެންނަވައި ގެޒެޓްކޮށްފައިވާ ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ދިވެހިޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

Ad
rt

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ދިވެހި ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސްއާ މަތިކޮށްފައިވީ ހިނދު، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައަޅުއްވައި 18 މާރިޗް 2020 ވަނަ ދުވަހު ނެރުއްވި ޤަރާރުގައި ކަނޑުއަޅުއްވާފައި އޮތް ގޮތަށް ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞްއަށް ބަދަލުގެންނަވައި، އެ ޤަރާރު އިސްލާޙް ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.

އެ އިޞްލާޙްގެ ދަށުން ށ. ކޮމަންޑޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު މަތިކޮމަންޑޫއާއި، ކުޑަފަރުފިނޮޅު ހިމަނުއްވާފައިވާކަމަށް ވެސް އެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.

8.8 ހެކްޓަރުގެ މަތިކޮމަންޑޫއާއި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި މަޝްރޫޢު ހިންގަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން ވަނީ ޖެނުއަރީ 14 ވަނަ ދުވަހު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލާނެއެވެ. މީގެ އިތުރުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެއެވެ. އަދި މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދުފުޅާ އެއްގޮތަށް މިމަޝްރޫޢު ހިންގުމުން ކޮމަންޑޫގެ 700 އަށް ވުރެ ގިނަ އާއިލާ، 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ތަހައްމަލްކުރި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފަވެއެވެ. އަދި އެ މަޝްރޫއަކީ މީ ކުރިން ތަޖުރިބާކުރި އިޖުތިމާޢީ ގިނަ މައްސަލަތަކަށް ހައްލުލިބި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ މަޝްރޫޢުއެއް ކަމަށް ވެސް ބުނެފަވެއެވެ.

މަތިކޮމަންޑޫ ކައިރީ އޮންނަ ކުޑަފަރުފިނޮޅަކީ 3.0 ހެކްޓަރުގެ ރަށެކެވެ.