އަންހެނުން ބާރުވެރިކޮށް، އެކިކަންކަމުގައި ޚިޔާލު ހޯދުމަށް "އަންހެނުންގެ ސައްލާ"ގެ ނަމުގައި ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސިލްސިލާ ހަރަކާތެކެވެ. މިގޮތުން ރޭ ވަނީ މި ހަރަކާތުގެ ފުރަތަމަ ޕްރޮގްރާމް ފަށާފައެވެ. ރޭގެ ބައްދަލުވުން ފައްޓަވައި ދެއްވީ ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ އެވެ.

Ad
rt

ރޭގެ ބައްދަލުވުމުގައި ކުރިއަށްގެންދިޔައީ ގެވެށި އަނިޔާއަށް ބައްދަލުވުމުގެ ބައިވެރިން އަހުލުވެރިކުރުމަށް މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މިރޭގެ ބައްދަލުވުމުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޑަކުދިންގެ ޙައްޤުތަކާއި އަދި މުޖުތަމަޢުގެ ޒިންމާއާއިގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުމެވެ. ފުރަތަމަ ޕްރޮގްރާމް ނިމޭނީ ގެންދަން ނިންމާފައި ވަނީ މިރޭގެ ނިޔަލަށެވެ.

މިހަރަކާތް ފެއްޓުމާއިގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ‏އަންހެނުންގެ ސައްލާގެ ބޭނުމަކީ ކުޅުދުއްފުށި ސިޓީއަކީ ދެ ޖިންސައްވެސް ފަހި ހަމަހަމަ ފުރުސަތުތަކެއް އޮތް ތަހުޒީބު ރައްޔިތެއް ދިރިއުޅޭ ސިޓީއަކަށް ހެދުން ކަމަށެވެ. އަދި އިޤްތިސާދީ ގޮތުންނާއި ސިޔާސީގޮތުން އަންހެނުން ބާރުވެރިވުމަކީ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ރޭގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މި ހަރަކާތާއިގުޅިގެން "ތިލަދުން" އަށް މައުލޫމާތު ހިއްސާކުރައްވަމުން ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ޢާޠިފާ ވިދާޅުވީ، މި ހަރަކާތް މެދުވެރިކޮށް އެ ސިޓީގެ އަންހެނުނަނަށް، އަންހެނުންނާއިގުޅޭ ޤާނޫނުތަކާއި، ކުޑަކުދިންނާގުޅޭ ގޮތުން ހެދިފައިހުރި ޤާނޫނުތަކުގެ މަޢުލޫމާތު ފޯރުދޭނެކަމަށެވެ. އަދި އިޖުތިމާޢީ، އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުމަށް ބޭނުންވާ މަޢުލޫމާތު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ސިޓީގެ ކަންކަން ނިންމުމުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ވެސް މި ހަރަކާތުގެ އެއް ބޭނުންކަމަށް ޢާޠިފާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގެންދަނީ، ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ކައުންސިލާ ބައްދަލުކޮށް ޝަކުވާއާއި ހިޔާލު ހުށަހަޅާ މަޝްވަރާކުރުމަށް ކޮންމެ ހޯމަ ދުވަހެއްގެ 13:00 އިން 14:00 އަށް "ރައްޔިތުންގެ އަޑު ގާތުން" ނަމުގައި ވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންދަމުންނެވެ.

މި ބައްދަލުވުންތަކުގައި އެ ސިޓީގެ ކައުންސިލް މެންބަރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑު އެއްސެވުމަށް ބައިވެރިވެވަޑައިގަންނަމުންދާއިރު މިހާތަނަށް މީގެ 10 ބައްދަލުވުމެއް ވަނީ ކުރިއަށް ގެންދަވާފައެވެ.