އިޓާލިއަން ސީރިއާ އޭގައި ނަޕޯލީއާއި އޭސީ މިލާން ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ.

Ad
rt

މެޗުގައި މިލާނުން ލީޑު ނަގާފައި ވަނީ 49 ވަނަ މިނެޓުގައެވެ. މި ލަނޑު މިލާނަށް ނަޕޯލީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ޓޮނާލީ، ނަޕޯލީގެ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ނަޕޯލީގެ ޑިފެންޑަރުންގެ ގައިގައި ޖެހިފައި އޭރިއާ ބޭރަށް ނުކުތްވަގުތު މިލާންގެ ޑިފެންޑަރ ކެލަބްރިއާ ވަނީ އެއްފަހަރުން އެ ބޯޅަ ނަޕޯލީގެ ގޯލާއިދިމާއަށް ފޮނުވާލާފައެވެ. ތިރިތިރިން ފޮނުވާލި އެ ހަމަލާ މިލާންގެ ފޯވާޑް ޖިރޫޑްވަނީ ޓަޗްކޮށް ނަޕޯލީގެ ގޯލަށް ވައްދާލާފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ނަޕޯލީގެ ފޯވާޑް ވިކްޓަރ އޮސިމެންއަށް ވަނީ ރަނގަޅު ދެ ފުރުޞަތެއް ލިބިފައެވެ. ނަމަވެސް އެ ދެ ފުރުޞަތުގެ ބޭނުން ހިފިފައި ނުވެއެވެ. މިލާނަށް ނަތީޖާ ފުޅާކުރުމަށް ރަނގަޅު ދެ ފުރުޞަތެއް ލިބުނުއިރު، ތެއޯ ހެނާންޑޭޒްއަށް ފޮނުވާލި ބާރު ހަމަލާ ނަޕޯލީގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅު މިލާންގެ ސަލަމޭކާރސްއަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުން މޮޅުވުމާއިއެކު މިލާނަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިލާން އެއްވަނާގައި އޮތީ 28 މެޗުން ލިބުނު 60 ޕޮއިންޓާއިއެކުއެވެ. މިލާނަށްވުރެ އެއްމެޗު މަދުންކުޅެ ދެވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނެވެ. އިންޓައަށް 27 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ. ތިންވަނާގައި 28 މެޗުން ލިބުނު 57 ޕޮއިންޓާއިއެކު އޮތީ ނަޕޯލީއެވެ.

އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ސްޕެޒިއާ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗުން ޔުވެންޓަސް މޮޅުވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސްއަށް ލަނޑު ޖަހައިދީފައި ވަނީ މޮރާޓާއެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޔުވެންޓަސް އެންމެ ފަހުން ލީގުގައި ކުޅުނު 14 މެޗުން ވެސް ބަލިވެފައި ނުވެއެވެ. މިވަގުތު ޔުވެންޓަސް އޮތީ 28 މެޗުން ލިބުނު 53 ޕޮއިންޓާއިއެކު ތާވަލުގެ ހަތަރުވަނާގައެވެ.