ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތައް ނޮޅިވަރަންފަރުން ދޫކުރުމަށް ހަމަޖެހިފައިވާ އަށް ހައުސިން ޔުނިޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ލިސްޓް އާންމުކޮށް، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
މި ލިސްޓްގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ މިފެށޭ މާރިޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޝަކުވާއެއް ސާފުވާނެ ހުށަހަޅަން ނޮޅިވަރަންފަރު ކައުންސިލުން އެދެއެވެ.
މިގޮތަށް ޝަކުވާ ހުށަހަޅަން ޖެހެނީ ލިޔުމަކުންނެވެ. މުއްދަތު ހަމަވާފަހުން ހުށަހަޅާ ޝަކުވާއާއި، އަނގަބަހުން ހުށަހަޅާ ޝަކުވާ ބަލައި ނުގަންނާނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއެވެ.
މި ހައުސިން ޔުނިޓްތަކަކީ 2011 ވަނަ އަހަރު އެރަށަށް ބަދަލުކުރި ހދ. އަތޮޅުގެ މައިވާދޫ، ކުނބުރުދޫ އަދި ފަރިދޫ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ފެށި މަޝްރޫޢުގެ ތެރެއިން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ތަކެކެވެ. އެ ތިން ރަށުގެ މީހުންގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހި އެންމެފަހަށް ތިބި 52 ޢާއިލާއަށް ހައުސިން ޔުނިޓްތައް ހަވާލުކުރީ މި ސަރުކާރުން 18 ޑިސެމްބަރު 2020 ގައެވެ. އެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖެހުނީ 9 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ.
23 އޭޕްރިލް 2019 ގައި ކޮންޓްރެކްޓުކުރި މި މަސައްކަތަށް 27.9 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
ނޮޅިވަރަންފަރަށް ބަދަލުވި 52 ޢާއިލާއަކަށް 9 އަހަރުފަހުން ބޯހިޔާވަހިކަން ހަމަޖެހިއްޖެ
މި މަޝްރޫޢުގެ ތެރެއިން 60 ހައުސިން ޔުނިޓެއް ޢިމާރާތްކޮށްފައިވާއިރު، ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތައް ދޫކުރުމުގެ މަރުހަލާ މިހާރު ހިނގަމުން ދަނީ މީގެތެރެއިން ބާކީ 8 ހައުސިން ޔުނިޓެވެ.
މީގެ އިތުރުން ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)އަށް ހަވާލުކޮށްފަ އެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ 53.5 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މައްސަކަތް ހަވާލުކުރީ 18 ޖުލައި 2021 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!