ފުޓްބޯލް އެސިސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ލީގު ފޯމެޓްގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ "ދިވެހި ޕްރިމިއާ ލީގު 2023/2024 ކޮލިފިކޭޝަން" ބުރުގައި އެންމެ އުތުރުގައެ ފަސް އަތޮޅު ހިމެނޭ ފުރަތަމަ ޒޯނުން 17 ޓީމަކުން ބައިވެރި ވެއްޖެއެވެ.
އެފްއޭއެމުން ޒޯން 1، 2 އަދި 3 ގެ ކޮލިފައިންގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ޒޯން-1 ގައި ހިމެނެނީ ހއ އަތޮޅުން ފެށިގެން ރ އަތޮޅާ ހަމައަށެވެ. އެއީ ނޯތު ލީގެވެ. ޒޯން-2 ގައި ހިމެނެނީ ބ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށެވެ. އެއީ ސެންޓްރަލް ލީގެވެ. ޒޯން-3 ގައި ހިމެނެނީ ތ އަތޮޅުން ފެށިގެން ސ އަތޮޅާ ހަމައަށެވެ. އެއީ ސައުތު ލީގެވެ.
ޒޯން-1 ގައި ހިމެނޭ ފަސް އަތޮޅުން ކޮލިފައިން ބުރުގައި 16 ރަށަކުން 17 ޓީމެއް ވަނީ ބައިވެރި ވެފައެވެ. މިގޮތުން ހއ. އަތޮޅުން ބައިވެރި ވެފައި ވަނީ ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ ކުލަބް ޕޯލްސްޓާއެވެ.
ހދ. އަތޮޅުން ތިން ޓީމެއް ބައިވެރިވެފައިވާއިރު، އެ ޓީމްތަކަކީ ކުޅުދުއްފުށި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ޓީމް ނެއްލައިދޫގެ އިތުރުން ޓީމް ހަނިމާދޫއެވެ.
ށ. އަތޮޅުން ތިން ރަށަކުން ހަތަރު ޓީމް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފުނަދޫ ޔުނިޓީ ސްޕޯޓްސް ކުލަބާއި، ފޯކައިދޫ އޭއެފް ފޯކައިދޫ ޔޫތު ޑިވެލޮޕްމެންޓާއި ނަރުދޫ ކުލަބް ރެނައިސެންސްގެ އިތުރުން އެ ރަށު ރަމްޒު ސްޕޯޓްސް އެކަޑަމީއެވެ.
ނ. އަތޮޅުން ފަސް ޓީމެއް ބައިވެރިވެފައިވާއިރު އެ ޓީމް ތަކަކީ ހޮޅުދޫ ސްޕޯޓްސް އެންޑް ރި ކްރިއޭޝަން ކުލަބް، ކުޑަފަރީ ފުޓްބޯޅަ ޓީމް، ހެނބަދޫ ފުޓްބޯޅަ ކުލަބް، އެސްއެފް މާޅެންދޫ ފުޓްބޯޅަ ކުލަބްގެ އިތުރުން ކެނދިކުޅުދޫ ފުޓްބޯޅަ ކުލަބެވެ.
ރ.އަތޮޅު ޖުމްލަ ތިން ޓީމަކުން ބައިވެރިވެފައިވާއިރު، އެ ޓީމް ތަކަކީ އުނގޫފާރު އެފްސީ، ދުވާފަރު ފުޓްބޯޅަ ކުލަބްގެ އިތުރުން އަލިފުށި ރިކްރިއޭޝާން ކުލަބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!