2011 ވަނަ އަހަރު ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި ތިންރަށެއްގެ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހިތިބި 52 ޢާއިލާއަކަށް ހައުސިން ޔުނިޓްތައް ހަވާލުކޮށްފިއެވެ.
އެ 52 ޢާއިލާ ނިސްބަތްވަތް ވަނީ ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއަށެވެ. އެ ރަށްތަކުގެ މީހުން ނޮޅިވަރަން ފަރަށް ބަދަލުކުރީ 2011 ވަނަ އަހަރުގެ ތެރޭގައެވެ.
މި ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލުކުރީ ޑިސެމްބަރު 18 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޢާއިލާތަކަށް ހައުސިން ޔުނިޓްތައް ހަވާލު ކޮށްދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ދާއޫދު އިބްރާޙީމެވެ.
23 އޭޕްރިލް 2019ގައި ކޮންޓްރެކްޓުކުރި މި މަސައްކަތަށް 27.9 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
މިފަހަރު ބޯހިޔާވަހިކަން ހަމަޖެނުނު ބައެއް ޢާއިލާތައް ހައުސިން ޔުނިޓްތަކާއި ހަވާލު ވުމަށްފަހު، މިއީ އެ ޢާއިލާތަކުގެ ދިގު އިންތިޒާރެއްގެ ނިމުން
މި ޢާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖެހިގެން ދިޔުމާއި ގުޅިގެން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު ''ތިލަދުން''އަށް ވިދާޅުވީ، މިއީ އެޢާއިލާތައް އެތައް އަހަރެއްވަންދެން އުފުލަމުންދިޔަ ތަކުލީފަށް އައި ނިމުމެއް ކަމަށެވެ. އަދި މި ޢާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖެހުމުން އެރަށަށް ބަދަލުވި ހުރިހާ ޢާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖެހިގެން ދިޔައީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރެއިން 60 ހައުސިން ޔުނިޓެއް ޢިމާރާތްކޮށްފައިވާއިރު، ބާކީ 8 ހައުސިން ޔުނިޓް ދޫކުރަން ހަމަޖެހިފައިވަނީ ދިގުމުއްދަތަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން 2011 ވަނަ އަހަރު ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫގެ ރައްޔިތުން ވަޒަންވެރިކޮށްފައިވާ ނޮޅިވަރަންފަރަކީ މިހާރު އާބާދީގައި 1854 އަށްވުރެ ގިނަ މީހުން ހިމެނޭ، ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!