ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހއ. އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ހިންގާ ކޯސްތައް ޢިއުލާން ކޮށްފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، އެ މަރުކަޒުގެ ހއ. އުތީމު ގޮފީގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާ ގައި 4 ކޯހެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކޯސްތަކަކީ، ޤިރާއަތު ސެޓްފިކެޓް 1 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 2 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 3 ކޯހާއި، އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހެވެ. މިކޮންމެ ކޯހެއްގެ ޖާގައިގެ އަދަދަކީ 30 އެވެ. ޖުމްލަ 120 ޖާގައެވެ.
ޤިރާއަތު ސެޓްފިކެޓް 1 ކޯހުގެ ޝަރުޠުތަކަކީ، ފަށާތަޢުލީމު ނިންމާފައިވުން ނުވަަތަ ގްރޭޑް 7 ނިންމާފައިވުމާއި، ޢުމުރުން 16 އަހަރު ފުރިފައިވުމާއި، އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމެވެ. މި ކޯހުގެ މުއްދަތަކީ 8 ހަފްތާއެވެ.
ޤިރާއަތު ސެޓްފިކެޓް 2 ކޯހުގެ ޝަރުޠުތަކަކީ، ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުމާއި އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމެވެ. މި ކޯހުގެ މުއްދަތަކީ 1 ސެމިސްޓާއެވެ. އަދި ޤިރާއަތު ސެޓްފިކެޓް 3 ކޯހުގެ ޝަރުޠުތަކަކީ، ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުމާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމެވެ. މި ކޯހުގެ މުއްދަތަކީ 2 ސެމިސްޓާއެވެ.
ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހުގެ މުއްދަތަކީ ދެ ސެމިސްޓާއެވެ. މި ކޯހުގެ ޝަރުޠުތަކަކީ، ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 3 ހަދައި ފާސްވެފައިވުމާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމެވެ.
މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 2022 ފެބްރުއަރީ 13 ވާ އާދީއްތަ ދުވަހުން ފެށިގެން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުންނާއި، އެ މަރުކަޒުގެ އުތީމު ގޮފިން ދޫކުރާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވޭނެއެވެ.
މި ކޯސްތަކުަގއި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 ފެބަރުއަރީ 28 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އައިޑީ ކާޑު ކޮޕީ އާއެކު މަރުކަޒުގެ އުތީމު ގޮތްޕަށް ނުވަތަ utheemcouncil@gmail.com ށް މެއިލް ކުރަންޖެހެއެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިގޮތުގައި މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!