ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ރަށްޔިތުން އޭނާ ކޮށްފިނަމަ އޭނާ ވެވަޑައިގަންނަވާނީ ވަކި މީހެއްގެ، ބަޔެއްގެ ވަކީލަކަށް ނޫންކަމަށާއި، އޭނާ ވާނީ ރައްޔިތުންގެ ވަކީލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

ފަތުހީ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ފަތުހީ ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި 32 އަހަރު މިހާތަނަށް އޭނާ ހޭދަކުރަށްވާފައިވާ ކަމަށެވެ. އޭގެތެރޭގައި ށ. އަތޮޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަތޮޅާއި، ކޮމަންޑޫ ދާއިރާއަށް ކުރެއްވި ޚިދުމަތާއި، ހޯމް މިނިސްޓްރީގެ ނައިބު ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތާއި އަދި މިނޫން ވެސް މަގާމުތައް ފުރުއްވުމުގައި ކުރެއްވި ޚިދުމަތްތައް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އެ ގޮނޑިއަށް އޭނާ ކުރިމަތި ލެއްވީ ޝަރީޢަތާއި، ޤާނޫނުގެ ރޮނގުން ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވުމަށްފަހު، ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރަށްވައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ސާފު އަޅުގަނޑު ކުރިމަތިލައިގެންއުޅޭ މަގާމު، އަޅުގަނޑު ކުރިމަތިލައިގެން މިއުޅެނީ ރައްޔިތުންގެ ވަކީލެއްގެ ދައުރު އަދާކުރަން، އަޅުގަނޑަކީ ދާއިރާގެ ރައްޔިތުންގެ ވަކީލެއް، އަޅުގަނޑު ނުވާނެ ސަރުކާރުގެ ވަކީލެއް އަދި އެހެންމީހެއްގެ ވަކީލަކަށް، އަޅުގަނޑު ވާނީ ދާއިރާގެ ރަށްޔިތުންގެ ވަކީލަކަށް،" ފަތުހީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ދާއިރާގެ ރަައްޔިތުންގެ ހައްގުގައި ކޮމަންޑޫ ދާއިރާގައި އަޑުއުފުލާފައެއް ނެތްކަމަށް ދާއިރާގެ ރަށްޔިތުން ބުނަމުންދާކަމަށެވެ. އަދި އެކަން ކޮށްދިނުމަށް ވެސް އެދެމުންދާ ކަމަށެވެ. އެހެންވެ އޭނާ ނުކުމެ ހުރީ އެކަން ކުރުމަށް ކަމަށް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައިބުނާ ވަރަށްވުރެ އިތުރަށް ތަރައްގީއަށް ބޭނުންވާ ކަންތައްތައް ބޭނުންވެފައިވާ ކަމަށް އޭނާ ގާތު ރައްޔިތުން ބުނަމުންދާ ކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ.

"ރައްޔިތުންގެ އެބަބުނޭ ބަޖެޓްގައި އެކަންކަން ހިމަނާ ވަކާލާތުކުރާށޭ، ބަޖެޓްގައި ނެތްކަމެއް ނަމަ އެކަން ފާހަގަކޮށް ކިހިނެއްވާކަމެއްތޯ ސާފުކޮށްދޭށޭ، ބަޖެޓްގައި ހުރިކަމެއް ނުހިނގާކަމަށްވަންޏާ ވަޒީރުން ގެނެސްގެން ސުވާލު ކުރާށޭ، އެކަންކުރެވޭނީ އަޅުގަނޑަށް، އަޅުގަނޑަކީ ރައްޔިތުންގެ މީހެއް، އެކަންކުރެވޭނީ ރައްޔިތުންގެ ހާދިމަކަށް، އަޅުގަނޑަކީ ރައްޔިތުންގެ ހާދިމެއް" ފަތުހީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ މެންބަރުން މަސައްކަތް ކުރަންވީ ގޮތާއި، މަސްއޫލިއްޔަތުތައް ގާނޫނީއަސާސީގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި މަޖިލީހުގެ މެންބަރެއްގެ ދައުރަކީ ދައުލަތުން އެކަށަހަޅާ ހުރިހާ ޚިދުމަތްތަކެއް ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވަކާލާތުކޮށް ކުރަންޖެހޭ މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތުގައި ރިއާޔަތްކުރަންޖެހޭ ހަމަތައް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ، ގާނޫނުއަސާސީގެ 75 މާއްދާގައި އެކަންކަން ބަޔާންކޮށްފައިވޭ، އެކަންކަން ރައްޔިތުންނަށް ހާސިލްކޮށްދިނުމަށް 24 ގަޑިއިރު އަޅުގަނޑު މަސައްކަތް ކުރާނަން" ފަތުހީ ވިދާޅުވިއެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން ފަތުހީ ވަނީ ދާއިރާގައި ހުރި މައްސަލަތަކާއި، ރައްޔިތުންގެ ވިންދު ވަރަށް ރަނގަޅަށް އިނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެކަންކަން ރައްޔިތުންނަށް ހާސިލްކޮށް ދިނުމަށް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި ދެމި ހުންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުހީ ވަނީ މިނިވަންކަމާއެކު ބަސްބުނެވޭ މީހަކަށްމެނުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އޭނާއަކީ މިނިވަންކަމާއެކު ބަސްބުނާނެ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ރައްޔިތުންގެ ހާދިމެއްކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.