ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި މިހާރުވެސް ތަރައްގީގެ އެތައް މަޝްރޫޢުއެއް ކުރިއަށްދާ ކަމަށާއި، ކުރިއަށްއޮތް ތަނުގައި އިތުރު މަޝްރޫޢުތައް އަންނާނެކަމަށާއި، އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރު އޮތީ އޭނާގެ ފަހަތުގައިކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، އޭނާ އަކީ އިންތިޚާބީ މަގާމެއްގައި 3 ދައުރު ރައްޔިތުންނަށް ޚިދުމަތްކޮށް، ފޯކައިދޫ ކައުންސިލް ރައީސްކަމުގެ މަގާމު އަދާކޮށް މިހާރުވެސް އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންނަށް ޚިދުމަތްކުރަށްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

Ad
rt

އޭނާ ތަމްސީލުކުރެއްވި ފޯކައިދޫ ކައުންސިލަށް ރާއްޖޭގެ ނަމޫނާ ކައުންސިލްގެ އެވޯޑް އެތައްފަހަރަކު ލިބިފައިވާ ކަމަށާއި، މިހާތަނަށް ރައްޔިތުންނަށް އެތައް ޚިދުމަތެއް ކުރަށްވާފައިވާނޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ލިބެމުންދާ ތަރައްގީގެ އެންމެހާ ކަންކަމުގައި މި ސަރުކާރާއި، މަރްޙޫމް، އެމްޕީ ހުސައިން ވަޙީދާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަށްވާފައިވާނޭ ކަމަށާއި، މިހާރުވެސް ކުރަށްވަމުންދާ މަސައްކަތަކީ، އެ މަސައްކަތްތައް ހަރުދަނާކަމާއެކު ނިންމެވުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންގެ އިހްސާސްތައް އަޑުއަހައިގެން ވައުދުވާ ޕާޓީއެއް ކަމަށާއި، ވަޢުދުތައް ވަނީ ވެސް ރައްޔިތުންގެ އިހްސާސްތައް އިނގިގެންކަމަށެވެ. އަދި ބަރާބަރަށް ވައުދުތައް ފުއްދަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.

"ކޮމަންޑޫ ދާއިރާއަކީ ވޭތުވި ސަރުކާރުން ވަރަށް ބޮޑަށް އިހްމާލު ވެފައިވާ ދާއިރާއެއް، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ވަނީ ފަށާފައި، ފަޅުގެ މަސައްކަތް ހުރިހާ ރަށެއްގައި ވަނީ ފަށާފައި، ބޯޅަ ދަނޑުތައް ހެދުމާއި، ޔޫތު ސެންޓަރުތައް ހެދުމާއި، މިނޫންވެސް ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން،" ރާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ފޯކައިދޫ ބިން ހިއްކުމާއި، ދެ ކޮމަންޑޫ ގުޅުވާލައި، ކޮމަންޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ކުރިއަށްދާ ކަމަށާއި، ތިން ރަށުގެ ރަށްޔިތުންނަށް ދިމާވެފައިވާ ބޮޑެތި ހުރިހާ މައްސަލަތަކެއް މި ސަރުކާރުން ދަނީ ހައްލުކޮށް ދެމުން ކަމަށެވެ.

ރާޝިދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އޭނާ ކުރިމަތިލައްވައިގެން ހުންނެވީ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މާތް މަގުސަދުގައިކަމަށެވެ.

"އަޅުގަނޑަކީ މިއަދު ސަރުކާރުގެ ކެނޑިޑޭޓް، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި، ސަރުކާރުގެ ހުރިހާ އިސް ބޭބޭފުޅުން ތިބީ އަޅުގަނޑާއެކު ބާރަށް ކުރިއަށްދާން، ދާއިރާގެ ރައްޔިތުންނަށް ބޭނުންވި ހުރިހާ މަސައްކަތެއް، ދާއިރާގެ ރަށްޔިތުންނަށް ވެވުނު ހުރިހާ ވައުދުތަކެއް މިދަނީ ފުއްދަމުން، ކުރިއަށްހުރިތަނުގައި މާބައިވަރު މާ މުހިންމު ވައުދުތައް ފުއްދައިދޭނަން" ރާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއަކީ ވައުދުވެ، ވައުދުވާ ޕާޓީއެއް ކަމަށެވެ. އިކޮޅުން ވައުދެއްނުވާ ކަމަށާއި، އެހެންވީމަ ފުއްދައިދޭންޖެހޭ ވައުދެއްވެސް އިދިކޮޅަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ތަސައްވުރާއި ގުޅޭގޮތުން ރާޝިދު ވިދާޅުވީ، އޭނާގެ ތަސައްވުރަކީ އެމްޑީޕީގެ ވެސް ތަސައްވުރުކަމަށެވެ. އަދި އެމްޑީޕީގެ ތަސައްވުރުތައް ވަނީ އެޖެންޑާ 19 ގައި ކަނޑައަޅާފައި ކަމަށް ވިދާޅުވެ، އެ ތަސައްވުރުތަކަކީ ރައްޔިތުންގެ ގާތަށް ގޮސް މަޝްވަރާކޮށްގެން ކަނޑައަޅާފައިވާ ތަސައްވުރުތަކެއް ކަމަށް ވިދާޅުވިއެވެ.

އެ ތަސައްވުރުތަކުގެ ތެރޭގައި އިންސާފު ގާއިމުކުރުމާއި، އޯގާތެރި ސަރުކާރެއްގެ ތެރެއިން ރަށްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމާއި، ފަޚުރުވެރި ޢާއިލާއަށް އުޅެވޭނެ ތަނަވަސް ގޮތްތަކެއް ހޯދަދިނުމާއި، ރީތިރީރި ޖަޒީރާ ދިރިއުޅުމެއް އުޅެވޭނެ ގޮތްތައް ހޯދަދިނުމާއި، ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރަށްޔިތުންނަށް ފޯރުކޮށް ދިނުމާއި އަދި ނޫ އިގްތިސާދުގެ ދަށުން ރައްޔިތުންނަށް ފަހިފާގަތި ގޮތްތަކެއް ހޯދަދެވޭނެ މަސައްކަތްތަކެއް ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަދި އެއީ ދިވެހި ރައްޔިތުންގެ ތަސައްވުރު ކަމަށާއި، އެމްޑީޕީގެ ތަސައްވުރު އަދި ކޮމަންޑޫ ދާއިރާގެ ތަސައްވުރުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކުރެވޭނެ ކެންޑިޑޭޓަކީ އޭނާ ކަމަށް ވެސް ވިދާޅުވިއެވެ.