ށ. ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުވައި ދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

Ad
rt

ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްއެވެ. އަދި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ދެއްކެވި ވާހަކަފުޅުގައި އަތޮޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައުއަށް ފޯރައިގެން ދިއުންކަމަށް ވިދާޅުވިއެވެ.

އަދި ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށާއި މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ދެވަނަ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށް ވިދާޅުވިއެވެ.

ފޭދޫގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރުމަށް ނިމިދިޔަ ކައުންސިލްގެ ދައުރުން ފެށިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެރަށުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، ރައްޔިތުން ވަނީ އެކިފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތް ފޭދޫގައި ގާއިމުވެގެން ދިޔުމަކީ ފޭދޫ ރައްޔިތުން ކުރަމުންދިޔަ ދިގު އިންތިޒާރެއްގެ ނިމުމެވެ.