ހދ. ކުޅުދުއްފުށީ ލޯކަލް ބަނދަރުން އޮޑިދޯނިފަހަރު ފުރާއިރު ދޯނި އަޅަން ބޭނުންކުރި ވައު ބަނދަރު ތެރެއަށް ދޫކޮށް ފުރައިގެން ނުދިޔުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން މިދިޔަ މަހު 28 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި ލޯކަލް ބަނދަރުގެ ޖެޓީގައި އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ ވައު، އުޅަނދުފަހަރު ދުރުކުރުމަށްފަހު މޫޓުތަކަށް އައްސާ ފަޅުތެރެއަށް ދޫކޮށް ފުރައިންދާ ކަން ވަނީ އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިގޮތަށް އޮޑިފަހަރު އައްސަން ބޭނުންކުރާ ވައު ފަޅުތެރެއަށް ދޫކޮށްދިއުމުން، ބަނދަރަށް ވަދެ ނިކުމެވާ އޮޑިދޯނިފަހަރުގެ ބުރަފަތީގައި އޮޅި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިވަމުންދާކަމުގެ ޝަކުވާ އެ ކައުންސިލަށް ހުށަހަޅަމުންދާކަން އެ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ލޯކަލް ބަނދަރުގައި އުޅަނދު އެޅުމަށް ބޭނުންކުރާ ވައު 28 އޮކްޓޯބަރ 2021 ގެ ފަހުން ބަނދަރުތެރެއަށް ދޫކޮށް ފުރައިފިނަމަ އެ ވަލަކީ ވެރިފަރާތެއް ނެތް ވަލެއްކަމަށް ބަލައި އެ ވަލެއް ނަގައި ނައްތާލާނެ ކަމަށެވެ.
ހދ. ކުޅުދުއްފުށީ ލޯކަލް ބަނދަރަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ގިނަ އުޅަނދުފަހަރު ލަފާ ފުރާ ބަނދަރެވެ.
އުތުރުގެ 3 އަތޮޅުގެ ރައްޔިތުން އެކިއެކި ބޭނުންތަކުގައި ކޮންމެދުވަހަކުހެން އެސިޓީއަށް ޒިޔާރަތް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!