ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އާއި، ޔޫތު މިނިސްޓްރީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
5 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ގެންދެވުނު މި ޕްރޮގްރާމްގައި 22 ފަރާތަކުން ބައިވެރިވެ، ތަމްރީން ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި ސެޝަންތައް ނަގާދެއްވާފައި ވަނީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅުންނެވެ. މީގެތެރޭގައި ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަޙިދާއާއި އެކޮމިޝަންގެ ކޮމިޝަނަރު އަލީ ޔޫސުފާއި، ކޮމިޝަންގެ ޑިރެކްޓާ އަލްއުސްތާޛް ޝާން ޞޯލިހް މުޙައްމަދާއި ބްރޯޑްކާސްޓިންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ޙިދުމަތް ކުރައްވާފައިވާ މުޙައްމަދު އާސިފް (މޮންދު) އަދި ޝައްމާން ޝާކިރު ހިމެނެއެވެ.
މިއަހަރުގެ ޒުވާނުންގެ ރަސްމީކޮށް ފާހަގަކުރަން ނިންމާފައިވާ ރަށަކީ ކުޅުދުއްފުށީ ސިޓީއެވެ. އެ ދުވަހާއިގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ގިނަ ހަރަކާތްތަކެއް ގެންދިޔުމަށް ވަނީ ރާވާފައެވެ. އަދި ބައެއް ހަރަކާތްތައް މިހާރުވަނީ ފަށާފައެވެ. މިގޮތުން ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ އިތުރުން ލައިފްސްކިލްސް ވޯކްޝޮޕެއްގެ އިތުރުން އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ވެސް ވަނީ ފަށާފައެވެ.
މީގެއިތުރުން ރޯޑް ކިންގް ޗެމްޕިއަން ޝިޕަކާއި، ޓްރެއިތްލޯން މުބާރާތަކާއި، ބީޗް ގޭމް ފެސްޓިވަލެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ބޮޑުތިލަދުންމަތީގެ ޖަމިއްޔާތަކަށް ހާއްސަ މަހާސިންތާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!