ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް "ޖޭ ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއް ރަޖިސްޓަރީ ކޮށްފިއެވެ.
ކުޅިވަރުގެ ދާއިރާއިން ކުދިން ތަމްރީން ކުރުމާއި، ކުޅިވަރުގެ ދާއިރާއިން ކުދިންނަށް ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި 13 އޮކްޓޯބަރ 2021 ގައި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓަރީ ކޮށްފައިވާ މި އެކަޑަމީން ވަނީ އިހަވަންދޫގައި ތިން ކުޅިވަރެއް ކުރިއެރުވުމަށް ނިންމާފައެވެ. އެ ތިން ކުޅިވަރުގެ ތެރޭގައި ހިމެނެނީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ.
ތިން ކުޅިވަރެއް ކުރިއެރުވުމަށް އަމާޒު ހިފާފައިވީ ނަމަވެސް އެ އެކަޑަމީން ފުރަތަމަ ފަށަން ކަނޑައަޅާފައި ވަނީ ފުޓްބޯޅައެވެ. މިގޮތުން މިހާރު ވަނީ ފުޓްބޯޅައިގައި ބައިވެރިވުމަށް ޖުމްލަ ފަސް އުމުރު ފުރާއަކަށް ފުރުޞަތު ހުޅުވާލާފައެވެ. އެ އުމުރުފުރާ ތަމަކީ 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ. ކޮންމެ އުމުރު ފުރާއަކުން ވެސް ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ އެޕްލިކޭޝަން ހުށަހަޅާ 20 ކުދިންނަށެވެ.
އަންނަ ނޮވެމްބަރު މަހު އެކަޑަމީގެ ޕްރޮގްރާމްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފުޓްބޯޅަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ދަނޑެއް ނެތުމުގެ ކަންބޮޑުވުން އެ އެކަޑަމީން ވަނީ ފާހަގަކޮށްފައެވެ.
އެ އެކަޑަމީގެ ފުޓްބޯޅަ ޕްރޮގްރާމް ތަކުގައި ބައިވެރިވާން ބޭނުންވާ ކުދިން 9852664، 7912294، 9555154 މި ނަމްބަރު ތަކަށް ނަމާއި، ގޭގެ ނަން ވައިބާ ކޮށްލުމުން ފޯމް ގެންގޮސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފޯމް ފުރުއްވުމަށް ފަހު އެ ނަމްބަރުތަކަށް ވައިބާ ކޮށްލުމުން ފޯމް ބަލައިދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެކަޑަމީގެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ހޯދަން ބޭނުން ވެއްޖެނަމަ ބަޔާންކުރެވިދިޔަ ނަމްބަރުތަކަށް ގުޅުއްވުމަށް އެ އެކަޑަމީން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!