ހއ. ކެލާގައި ކޮމްޕިއުޓަރު ކޯހެއް ހިންގާފައިވާ، ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީ.އައި.ޓީ.އެމް) ގޮވައިގެން ކޯޓަށް ދާން ކެލާ ކައުންސިލުން ނިންމައިފި އެވެ.

ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި މި ގޮތަށް މިކަން ކުރަން ނިންމެވީ އެރަށުގައި އެ ސެންޓަރުގެ ފަރާތުން ކޮމްޕިއުޓަރ ކޯސްތައް ހިންގުމަށް އެ ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއެވެ.

Ad
rt

މީގެއިތުރުން އެ ކޯސްތައް ފުރިހަމަކޮށްފައި ނުވުމާއި އަދި ކޯހުގެ ސެޓްފިކެޓްތައް ދަރިވަރުންނަށް ލިބިފައި ނުވުމުގެ ސަބަބުން ކޯސްތަކުގައި ބައިވެރިވި ދަރިވަރުންނަށް މިކަމުގެ ސަބަބުން ގެއްލުން ލިބުމުގެ އިތުރުން ކައުންސިލް ބަދުނާމުވެ އަގުވެއްޓެމުންދާތީ އެވެ.

ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސީ.އައި.ޓީ.އެމް ގެ ފަރާތުން އެރަށުގައި 4 ކޯހެއް ހިންގުމަށް އެގްރީމެންޓު ހެދުނުކަމަށާއި އޭގެތެރޭގައި ކޮމްޕިއުޓާރ ފޯރ ކިޑްސް އާއި އެމްކިއުއޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ކޯހެއްގެ އިތުރުން ޑިޕްލޮމާ ލެވެލް ގެ ކޯހެއް ހިމެނޭ ކަމަށެވެ.

އަދި ސެޓިފިކެޓް ލެވެލް 3ހެ ކޯސް ނިންމި ގާތްގަނޑަކަށް 40 ދަރިވަރުންނަށް ސެޓްފިކެޓް ލިބިފާ ނުވާއިރު ލެވެލް 4 ގެ ކޯސް ނުނިންމާކަމަށް އިންފާޒު ފާހަގަކުރެއްވި އެވެ.

"ކެލާގެ 3 ވަނަ ދައުރުގެ ކައުންސިލާއެކު ވެވުނު މި އެގްރީމެންޓްގައި ރަށުގައި ކައުންސިލުން ހިންގާއި ޕްރީސްކޫލް އިމާރާތް އެ ސެންޓަރަށް ކުއްޔަށް މަހަކު 2000 ރުފިޔާ އަށް ދޫކުރެވުނު. އަދި ބައިވެރިންގެ ކޯސް ފީން %10 ކައުންސިލަށް ލިބޭގޮތަށްވެސް އެ އެގްރީމެންޓްގައި އެއްބަސްވެވުނު. މި އެއްވެސް ރުފިޔާ އެއް އަދި މިހާތަނަށް ކައުންސިލަށް ލިބިފައެއް ނެތް" އިންފާޒު ވިދާޅުވިއެވެ.

ކުލީގެ ގޮތުގައި އަދި ކޯސް ފީގެ 10% ގެ ގޮތުގައި އެ ކައުންސިލަށް 62،000 ރުފިޔާ ލިބެން ޖެހޭކަމަށް އިންފާޒު ފަހަގަކުރެއްވިއެވެ. އަދި ސީ.އައި.ޓީ.އެމް އިން ދަރިވަރުންނަށް ދޭންޖެހޭ ސެޓްފިކެޓްތައް ނުދިނުމުން އެކަމާގުޅިގެން ކައުންސިލްގެ އަގުވެއްޓި ބަދުނާމުވެއްޖެ ކަމަށާއި އެކަމުގެ ބަދަލުގެ ގޮތުގައި 100،000 ރުފިޔާ ނަގައި ދިނުމަށް ކޯޓުގައި އެދިފައިވާކަމަށްވެސް އިންފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންފާޒު ވިދާޅުވީ އެކިފަހަރު މަތިން އެ ސެންޓަރަށް ގުޅިއްޖެ ކަމަށާއި އަދި ތިން ފަހަރެއްގެ މަތިން ކައުންސިލްގެ ފަރާތުން ލިއުމުން އެކަން އެ ސެންޓަރަށް އެންގިފާ ވާކަމަށެވެ. ކޯޓަށް މައްސަލަ ހިފައިން ދާން ނިންމެވީވެސް ސުލްހަވެރިކަމާއެކު އެގްރީމެންޓުގައި ބުނާ ކަންތައްތައް ނުކުރުމުން ކަމަށްވެސް އިންފާޒު ފާހަގަކުރެއްވިއެވެ.

މި ކޯސްތައް ކެލާގައި ހިންގުމަށް އެރަށު ކައުންސިލާއި ސީ.އައި.ޓީ.އެމް އާއެކު ވީ އެއްބަސްވުމުގައި ސޮއިކުރެވުނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި ކެލާ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނިމިދިޔަ ދައުރުގެ ރައީސް އާދަމް ޣުފްރާން އެވެ. އަދި ސީ.އައި.ޓީ.އެމް ގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރުގެ އެޗްއާރް މެނޭޖަރ މުޙައްމަދު އާދިލް އެވެ.

ސީ.އައި.ޓީ.އެމްއިން އުތުރު އެހެން ބައެއް ރަށްރަށުގައި ވެސް މި ކޯސްތައް ހިންގިއެވެ. އޭގެތެރެއިން ބައެއް ރަށްރަށުން މިފަދަ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް ވެއެވެ.