ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ކުރިއަތް އޮތް ގައުމީ ދުވަހު ދެއްވާ ގޮތަށް ހަމަޖައްސަވައިފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad
rt

ކުރިން މި ދެ އިނާމު ދެއްވާގޮތަށް ހަމަޖައްސަވާފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ގިނަކަމާއެކު، މަތީ ދަރަޖައިގެ އިނާމާއި ޙާފިޡުކަމުގެ އިނާމު، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވުމަށް ނިންމެވީކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާނީ ހަމައެކަނި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމްކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.