ހދ. ކުޅުދުއްފުށި ސިޓީގައި "އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް" ހުޅުވައިފި އެވެ.

މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރް އަބްދުއްލަޠީފް އެވެ.

Ad
rt

މިކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި މިއަދު ބޭއްވުނު ރަސްމިއަޔާތުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒް އާއި އެ އޮފީހުގެ ބައެއް އިސްވެރިންނާއި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ހދ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖުގެ އިތުރުން ކުޅުދުއްފުށި ސިޓީގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރު ސަރަހައްދީ އޮފީހެއް ޤާއިމުވެގެން މި ދިޔައީ 73 އަހަރު ފަހުން ކަން ފާހަގަކުރައްވާ އެމްޕީ ޔާސިރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ވަރަށް ޚާއްސަ ދުވަހެއްކަމަށެވެ.

" މިފަދަ އޮފީސްތައް ހުޅުވާ ލާމަރުކަޒީ ނިޒާމު ޤާއިމުކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނަށް ޝުކުރުދަންނަވަން. އަދި އޮޑިޓަރ ޖެނެރަލް ނިޔާޒީ މި އޮފީސް އުތުރާ ހަމައަށް ފުޅާކުރުމަށް ނިންމެވީތީ އެކަމަށްޓަކާއި ޝުކުރުދަންނަވަން. "

ޔާސިރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އަދި މި އޮފީހުގެ ސަބަބުން ހެޔޮގޮތުގައި އާންމު މުދާ ބޭނުން ކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން، އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން މިއަދު ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސުކޫލް އަދި ޖަލާލުއްދީން ސުކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ރަނގަޅު މުޖުތަމައެއްގައި ދަރިންތަރުބިއްޔަތު ކުރާނެ ގޮތްތަކާ ބެހޭގޮތުން ޓްރެއިނިންގ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ޝެޝަން ނަންގަވައި ދެއްވީ އޮޑިޓަރ ޖެނެރަލް އޮފީހުގެ، ކޯރޕޮރޭޓް ސާވިސެސްގެ ޑިރެކްޓަރ، އާދަމް ނަސީރެވެ.