ހއ. އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ މީގެ ކުރިން އެރަށުން ޕޮޒިޓިވް ވެފައިވާ ކުޑަހުވަދޫ ކްލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ.

Ad
rt

ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 21 އަށް އަރާފައެވެ.

ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 418 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 380 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ 17 ސާމްޕަލެއް އަދިވެސް އެބައުޅޭ ކަމަށް އައިމިނާދިއޯ ސިއްހީ މަރުކަޒުން ހާމަކުރެއްވިއެވެ.

އިހަވަންދޫން ބަލީގެ އަލާމަތް ހުރެގެން ޑޮކްޓަރަށް ދެއްކި 2 މީހަކު ވެސް ވަނީ މިދިޔަ އާދީއްތަ ދުވަހު ޕޮޒިޓިވްވެފައެވެ. އިހަވަންދޫ އައިމިނާދިއޯ ސިއްޙީމަރުކަޒުން ވިދާޅުވި ގޮތުގައި އެ ދެ މީހުންނަކީ މިމަހުގެ 19 ވަނަ ދުވަހު ފުލޫ އަލާމާތްތަކާއިއެކު އެ މަރުކަޒަށް ޑޮކްޓަރަށް ދެއްކި 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ.

އެރަށުން އިތުރު ކޭސްތައް ޕޮޒިޓިވް ވަމުންދާތީ، ޑޮކްޓަރަށް ދެއްކުން ފަދަ އެންމެހާ ޚިދުމަތްތައް ހޯދުމުގެ ކުރިން އެ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުމަށްފަހު ދެއްވާ އިރުޝާދާއެއްގޮތަށް އަމަލުކުރުމަށް އައިމިނާދިއޯ ސިއްހީމަރުކަޒުން ވަނީ އެދިލައްވާފައެވެ.

އަދި މިކަމަކީ އެރަށުގެ އާންމުންނާއި މަރުކަޒުގެ މުވައްޒަފުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ޢަމަލުކުރަމުން ގެންދާ އުސޫލެއްކަމަށްވެސްް އެ މަރުކަޒުން ވިދާޅުވެއެވެ.