އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާ ސިޓީ ކާމިޔާބު ކޮށްފިއެވެ.

ނިމިދިޔަ ސީޒަންގެ ޕްރިމިއާލީގު ކާމިޔާބުކުރި މެންޗެސްޓާ ސިޓީއާއި އެފްއޭކަޕް ކާމިޔާބުކުރި ލެސްޓާ ސިޓީ ބައްދަލުކުރި މި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ދާދި ހަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލެސްޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ކެލެޗީ އިހެނާޗޯއެވެ. މި ޕެނަލްޓީއަކީ ސިޓީގެ ޑިފެންޑަރ އާކޭ ލެސްޓާގެ ފޯވާޑް އިހެނާޗޯއާސް ސިޓީގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ.

މި މެޗުގައި އެސްޓަން ވިލާ ދޫކޮށް 100 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވި ގްރީލިޝް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. ނަމަވެސް އޭނާގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް މި މެޗުގައި ފެނިފައި ނުވެއެވެ.

މިއީ ލެސްޓާގެ ތާރީޚުގައި އެ ޓީމުން ޝީލްޑް މެޗު ކާމިޔާބުކުރި ދެވަނަ ފަހަރެވެ.އެ ޓީމުން މީގެ ކުރިން މި މެޗު ކާމިޔާބުކޮށްފައިވަނީ 1971 ވަނަ އަހަރެވެ.

އިނގިރޭސި ޕްރިމިއާ ލީގު 2021-2022 ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ 13 އޯގަސްޓް 2021 ވާ ހުކުރު ދުވަހުއެވެ.