ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވާ އުފައްދާފައިވާ ސިޔާސީ ހަރަކާތް "ޑީއެންއޭ" އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށް ޑީއެންއޭއިން ބުނެފިއެވެ.

ޑީއެންއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އިންޓަވިމް އެގްޒެކެޓިވް ކައުންސިލް (އެކްސްކޯ)ގެ 20 ވަނަ ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

Ad
rt

ޑީއެންއޭގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރު ވަނީ މީގެ ކުރިން ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރެއްވި އެންމެ ފުރަތަމަ ބޭފުޅާވެސް މެއެވެ.

ޑީއެންއޭ އަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ކުރިއަށްގެންދާ ހަރަކާތަކަށްވާއިރު، ޑީއެންއޭއިން ނެރޭ ކެންޑިޑޭޓަކު ވެގެންދާނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކަށެވެ.

ޑީއެންއޭއިން ވެސް ކެންޑިޑޭޓަކު ނެރޭނެކަން ރަސްމީކޮށް އިއުލާންކޮށްފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވާދަވެރިކަމުގެ ކުލަވަރު ފެންނަން ފަށާފައިވަނިކޮށެވެ. އެގޮތުން ކާނަލް ނާޒިމްއާއި އެމްޕީ އަބްދުﷲ ރިޔާޒު ވެސް ގުޅުގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވައި ތައްޔާރީތައް އަންނަނީ ވަމުންނެވެ.