އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުލުހުންގެ ބޮޑު މަޝްރޫއަށް އެ ގައުމުގެ 600 އެއްހާ މީހުން ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާ، އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކުންފުނިން ބުނެފިއެވެ.
އިންދިރާ ޕްރޮޮޖެކްޓްސްގެ ޗެއާމަން ބުޕޭޝް ނަގަރާޖަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، އެ މަޝްރޫއަށް ރާއްޖެ ގެންނަނީ ޓެމިލްނާޑޫގެ 500 އެއްހާ މަސައްކަތު މީހުންނާއި 100 އެއްހާ އިންޖިނިއަރުންނެވެ. ބުޕޭޝް ވިދާޅުވީ މި މަޝްރޫގެ ދަށުން މަސައްކަތްކުރުމަށް ރާއްޖެ ގެންނާނީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގައި ވަޒީފާ ގެއްލިފައި ތިބި މީހުންގެ ތެރެއިން މީހުންކަމަށެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި މަޝްރޫގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި، އިމާރާތް ބިނާ ކުރާނެއެވެ.
އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އިތުރަށް ތަރައްގީ ކުރުމުގެ އިތުރަށް އަތޮޅު ތެރޭގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން އަށް އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. އަދި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ. މި މަޝްރޫ ނިންމަން ހަމަޖައްސާފައި ވަނީ ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.
މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާާއިރު ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!