ހަލާކުވެ ނުވަތަ ބާވެގެން އެއްލައިލާ މޯޓަރެއްފަދަ އެއްޗެއް އެކި މީހުންނަށް ފެންނަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އޭގެން އެއްވެސް ބޭނުމެއް ދެން ނުކުރެވޭނެ ކަމުގައި ވިސްނުނަސް އަނެއްބަޔަކަށް އެ ފެންނަނީ ވަރަށް ގިނަ ބޭނުންތަކެއް އޭގެން ހިފިދާނޭފަދަ އެއްޗެއްގެ ގޮތުގައެވެ.

ހދ. ހަނިމާދޫ އަތަމާގޭ ހުސެއިން އަލީއަކީ މިފަދަ ބައު ތަކެތި ބޭނުން ކޮށްގެން ބޭނުންތެރި ސާމާނު އުފެއްދިދާނެކަން ދައްކުވައި ދެމުން އަންނަ ހުނަރުވެރި ކެރޭ ޒުވާނެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވޯކްސޮޕްގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 29 އަހަރުގެ މި ޒުވާނާ، ބައުވެ ނުވަތަ ހަލާކުވެގެން އެއްލައިލާ ތަކެތި ބޭނުން ކޮށްގެން މިހާތަނަށް އުފައްދާފައިވާ ބޭނުންތެރި އާލާތްތައް ފެނުމުން އެ ޒުވާނާގެ ހުނަރާއި ވިސްނުމުގެ ވާހަކަ ހަމަ އިތުރަށް އޮޅުން ފިލުވާލަން ބޭނުންވާނެކަން ޔަޤީނެވެ.

Ad
rt

މިހާތަނަށް އުފައްދާފައިވާ ބައެއް ސާމާނުތަކަށް ބަލައިލާއިރު ހުސެއިން ވަނީ އެކި ތަންތަނުން ހޯދި ބައު ތަކެތި ބޭނުންކޮށްގެން ބަރު ތަކެތި އުފުލުމަށް ހާއްސަ ވެހިކަލެއް ވެސް ތައްޔާރު ކޮށްފައެވެ. އަރައިގެން ދުއްވޭ އަދި އޮޕެރޭޓް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ވެހިކަލްގެ އިންޖީން ބަޔަށް ބޭނުން ކޮށްފައިވަނީ ބައު ޕެޓްރޯލް ޕަމްޕެއްގެ ބަޔެކެވެ. ވެހިކަލްގެ ބޮޑީގަނޑު އަމިއްލައަށް ފަރުމާކޮށްފައިވާއިރު އެ ވެހިކަލްގެ ސަރަކައާއި އިށީއިންނަ ގޮނޑިއަށް ބޭނުން ކޮށްފައިވަނީ އެހެނިހެން ބައު ވެހިކަލުން ނަގާފައިވާ ބައިތަކެވެ. މިހާރު ވެސް އެ ވެހިކަލް ބޭނުން ކޮށްގެން ބަރު ސާމާނު އުފުލަމުން އަންނައިރު، ހުސެއިން ބުނެފައިވާ ގޮތުގައި އެ ވެހިކަލް ފުރިހަމަވާއިރު ލޯޑަރަކުން ކުރެވޭ ގިނަ ބޭނުންތަކެއް ކުރެވިގެންދާނެއެވެ.

ހުސެން ހަދާފައިވާ ބަރު ތަކެތި އުފުލުމަށް ހާއްސަ ވެހިކަލުގައި

ހުސެއިންވަނީ އަމިއްލަ މަސައްކަތުން ވިނަކޮށާ މެޝިނެއް ވެސް ތައްޔާރު ކޮށްފައެވެ. އަރައިގެން ދުއްވޭ އަދި ކޮންޓްރޯލް ކުރެވޭ ގޮތަށް ތަރައްޤީ ކޮށްފައިވާ މި މެޝިން ދުއްވުމަށް ބޭނުންވާ ހަކަތަ އުފައްދަނީ ޕެޓްރޯލް ޕަމްޕެއް މެދުވެރިކޮށެވެ. މެޝިންގެ ބޮޑީގަނޑު އަމިއްލައަށް ފަރުމާ ކޮށްފައިވާއިރު، ވިނަ ކޮށުމަށް ހަރުކޮށްފައިވަނީ ސްޓޭންޑް ކީހުގައި ބޭނުންކުރާ ވައްތަރުގެ ބައު ތިލައެކެވެ.

ހުސައިން ހަދާފައިވާ ވިނަކޮށާ މެޝިން

ހުސެއިން ތައްޔާރުކޮށްފައިވާ ބައެއް މެޝިންތަކުގައި ހަކަތަ އުފެއްދުމަށް ޕެޓްރޯލް ޕަމްޕް ބޭނުން ކޮށްފައިވަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ކަރަންޓް މޯޓަރެއް ބޭނުން ކޮށްގެން މިފަދަ އެއްޗަކަށް ހަކަތަ އުފައްދަން ވިސްނާނަމަ އެ މެޝިނެއް ކަރަންޓް ލިބެން ނެތްތަނެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ. އޭރަށް އެ ބޭނުން ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޕެޓްރޯލް ޕަމްޕެއްނަމަ ޕެޓްރޯލް އަޅައިގެން އޭގެން ހަކަތަ އުފެއްދުމުން އެ މައްސަލައަށް ހައްލެއް އެބަލިބޭ ކަމަށެވެ.

ހުސެއިންމެންގެ ގެޔަކީ ބޮޑު ކީސް މެދުވެރިކޮށް ރުއް ފެޅުންފަދަ މަސައްކަތް ކުރަމުން އަންނަ ގެޔެކެވެ. ވުމާއެކު ބޮޑު ކީހުގެ ތިލަ ތޫނު ކުރަން ޖެހުމަކީ އާންމުކަމެކެވެ. ކޮށިވާ ތިލަ ތޫނުކުރަން ކުރެވޭ ޚަރަދާއި އެކަމަށް ހޭދަވެގެންދާ ވަގުތަށް ހުސެއިން މިހާރުވަނީ ހައްލެއް ހޯދާފައެވެ.

ހުސެން ހަދާފައިވާ ތިލަ ތޫނުކުރާ މެޝިން

ގްރޭންޑަރެއްގައި ޑައިމަންޑް ބުރެއް އަޅުވައި ކީސްތިލަ ތޫނުކުރުމަށް ހާއްސަ ބެޑެއް ތައްޔާރުކޮށް ފަސޭހަކަމާއިއެކު އެ ތޫނު ކުރެވޭނޭ އިންތިޒާމް ވެސް ހުސެއިން މިހާރުވަނީ ފަހިކޮށްފައެވެ. ކީސްތިލަ ތޫނު ކުރުމަށް ކުރަންޖެހޭ ޚަރަދު މިހާރު އޭނާ ވަނީ ސަލާމަތްކޮށްފައެވެ. ހުސެއިން ބުނެފައިވާ ގޮތުގައި މިހާރު ރަށުގައި ހުރި އެފަދަ ހުރިހާތިލައެއްހެން ތޫނުކޮށް ހަދަނީ އެ ތިލަ ތޫނުކުރާ މެޝިންގެ އެހީގައެވެ.

ހުސެއިންގެ މަސައްކަތުން އޭނާ ވަނީ ލިޔާ މެޝިނެއް ވެސް ތައްޔާރު ކޮށްފައެވެ. ފެންޕަމްޕުގެ މޯޓަރެއް ބޭނުން ކޮށްގެން އޭގައި ލަކުޑިބުރި ހަރުކުރެވޭ ފަދަގޮތަކަށް ބައިތަށް ހަރުކޮށް ތަރައްޤީ ކޮށްފައިވާ މި މެޝިން މިހާރުވެސް ހުސެއިންގެ ދޮންބެ ހިންގާ ވަޑާންގޭގައި ތަފާތު ތަކެތި ލިޔުމަށް ދަނީ ބޭނުން ކުރަމުންނެވެ.

ހުސައިން އޭނާ ހަދާފައިވާ ލިޔާ މެޝިނުން ލިޔަނީ

ކަރަންޓް ހުނިގާނާ މެޝިނެއް އުފައްދާފައިވަނީ ފަހާފޮއްޓެއްގެ މޯޓަރެއް ބޭނުން ކޮށްގެންނެވެ. މިހާރުވެސް ހުނިގޭނުމަށް ބޭނުން ކުރަމުން އަންނަ މި ހުނިގާނާ މެޝިން ފަރުމާކޮށްފައިވަނީ ފަސޭހަކަމާއިއެކު އެ ކޮންޓްރޯލް ކުރެވޭފަދަ ގޮތަކަށެވެ.

ހުސެން ހަދާފައިވާ ހުނިގާނާ މެޝިން

ހުސެއިން ބުނެފައިވާ ގޮތުގައި މިހާތަނަށް އުފައްދާފައިވާ ތަފާތު މި މެޝިނަރީސްތައް އިތުރަށް ތަރައްޤީ ކުރުމުގެ އައިޑިޔާ މިހާރު ވެސް އެބަހުއްޓެވެ. ވުމާއިއެކު އެ މެޝިނަރީސްތައް ކުރިއަށް އޮތްތަނުގައި ތަރައްޤީކޮށް އެ ތަކެތި ބޭނުން ކުރުމަށް ފަސޭހަ ތަކެތިކަމުގައި ހެދިގެން ދާނެއެވެ.

މީގެއިތުރުން މިހާރު ވެސް ހުސެއިންވަނީ މޫދުގައި ދުއްވާ ބައިސްކަލެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. މޫދުގައި ދުއްވާ ބައިސްކަލް ތައްޔާރުކޮށް ނިންމާލުމަށްފަހު ތިން ޓަނުގެ ވިންޗެއް ތައްޔާރު ކުރުމުގެ ޕްލޭން މިހާރު އޭނާގެ ބޮލުތެރޭގައި ދަނީ ރާވަމުންނެވެ.

ހުސެއިންއަކީ ތަފާތުގިނަ މަސައްކަތް ދަންނަ ޒުވާނަކަށް ވުމުން މިފަދަ މެޝިނަރީސް އުފެއްދުމުގެ ހުރިހާ މަސައްކަތެއްހެން ކުރަނީ އޭނާއެވެ. ބައުތަކެތި ބޭނުންކޮށްގެން ތަފާތު ބޭނުންތެރި ސާމާނު އުފެއްދުމުގައި ބައު ތަކެތި ހޯދުމުގައި ދަތިތަކެއް ހުރިކަން ހުސެއިންވަނީ ފާހަގަ ކޮށްފައެވެ. އޭނާވަނީ ބައުވެގެން އެއްލައިލާ މޯޓަރުފަދަ ތަކެތި އެއްލައިލުމުގެ ބަދަލުގައި އެ ތަކެތި އޭނާއަށް ލިބޭނޭގޮތް ހަދައިދިނުމަށް ރަށުގެ އެންމެހާ ފަރާތްތަކުގައި އެދިފައެވެ.

ހުސެން ހަދާފައިވާ ލަކުޑި ކީހާ މެޝިނެއް، މިހާރުވެސް ވަޑާން ގެއެއްގައި މި ކީސް ދަނީ ބޭނުން ކުރަމުން

ހުސެއިން އިސްނެގުމުގެ މަތިން އޭނާގެ ދެތިން އެކުވެރިޔަކާއިއެކު މިހާރު ވެސް ރަށުގެ ފުއްޓަރުފަރާތުގައި "ފުއްޓަރު ޕާކް" ގެ ނަމުގައި ޕާކެއް ވެސް އަންނަނީ ތަރައްޤީ ކުރަމުންނެވެ. އެތަނުގައި ވެސް ހުސެއިންގެ ތަފާތު މަސައްކަތްތައް ފެންނަން މިހާރު ވެސް އެބަހުއްޓެވެ.

ހުސެންގެ މޭސްތިރިކަމުގެ ދަށުން ހަނިމާދޫގެ ފުއްޓަރު ފަރާތުގައި ތަރައްގީ ކޮށްފައިވާ ފުއްޓަރު ޕާކުގައި ޖޯއްޔާއި، އުނދޯއްޔާއި، ހޮޅުއަށިފަދަ އިށީންނާނެ ތަކެއްޗާއެކު ކުޑަކުދިން ކުޅޭނެ ބައެއް ތަކެތި ވެސް ވަނީ ހަދާފައި

ހުސެއިންގެ ބޭބެމެންގެ އިތުރުން ކޮށްކޮމެންނަކީ ވެސް ތަފާތު މަސައްކަތްތައް ކޮށް އުޅޭ ހީވާގި ބައެކެވެ. އެ އާއިލާގެ ގިނަ މީހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ދަންނަ ބައެއްކަން ފާހަގަ ކޮށްލެވެއެވެ. ހުސެއިން ވެސް ކޮށްއުޅޭ މަސައްކަތްތަކުގެ ތެރޭގައި ޕިކަޕާއި ސައިކަލަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ކަރަންޓް މަސައްކަތްތަކުގެ އިތުރުން ވެލްޑިން ކުރުން ހިމެނެއެވެ. އަދި ވަޑާމުގެ މަސައްކަތްތަކަކީ ވެސް އޭނާ ދަންނަ މަސައްކަތްތަކެކެވެ.

ހުސެއިންގެ ތަފާތަކީ ކެރުމެވެ. ދިމާވާ ދަތިތަކަށް އަމިއްލަ ވިސްނުމުން ހައްލު ހޯދަން މަސައްކަތްކޮށް އެކަންކަން ހާސިލް ކުރުމެވެ. މިއީ ކާމިޔާބު މީހަކަށް ވުމަށް މީހެއްގެ ގައިގައި ހުންނަން ޖެހޭނެ އެންމެ މުހިންމު އެއް ސިފައެވެ. އަހުލާގީގޮތުން ރަނގަޅު މިޒުވާނާއަކީ އެހެން ޒުވާނުންނަށް ހުރި ހަމަ ލާމަސީލު ނަމޫނާއެކެވެ.