ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެޗް.ޑީ.ސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ތިލަފުއްޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ނައިބު ރައީސް ސިނާއީ ރަށް، ތިލަފުއްޓަށް ޒިޔާރަތް ކުރެއްވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނު ކުރެއްވި މި ޒިޔާރަތުގައި ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި، އެކަމާއިގުޅޭ މަޢުލޫމާތު ސާފުކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަޙައްދާއި، ތިލަފުށީގައި އެޗް.ޑީ.ސީ.އިން ޤާއިމުކޮށްފައިވާ ކެމިކަލް ގުދަންތައް ބައްލަވައިލައްވައިފައެވެ.
ނައިބު ރައީސް ފައިޞަލްގެ މި ޒިޔާރަތުގައި އެމް.ޓީ.ސީ.ސީގެ އޮފީސް ސަރަޙައްދާއި، ޑޮކްޔާޑެއްވެސް ވަނީ ބައްލަވައިލައްވާފައެވެ.
މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާޔާ ގުޅިގެން މާލޭ ސަރަޙައްދުގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައި ވާއިރު، ތިލަފުށީގައި އެޗް.ޑީ.ސީ އިން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓް ވަނީ ޤާއިމުކޮށްފައެވެ. އަދި، މި ގުދަނުގެ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުޞޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.
އެޗް.ޑީ.ސީ އިން އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެން ތިލަފުށީ ދެވަނަ ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 127 ހެކްޓަރުގެ ބިމެވެ. މި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!