ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް" ގެ ދަށުން މި ހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާއަށް ހޮވި މަޝްރޫޢުތަކުގެ ތެރޭގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހަނިމާދޫ ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ މަޝްރޫޢު ހިމެނިއްޖެއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ދެމުން އަންނަ އެހީއެކެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ފަސް މަޝްރޫޢުއަކީ:
ހދ.ހަނިމާދޫ ސްކޫލްގެ ލައިބްރަރީ މަރާމާތުކޮށް ތަރައްޤީ ކުރުމަށް – ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ
ށ.ޅައިމަގުގައި ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން – ޅައިމަގު އެކުވެރިންގެ ރޫހު
ލ.ގަމުގެ ކޮމިއުނިޓީ ބީޗް ޕާކެއް ތަރައްޤީކުރުން އަދި ސޯލާ މަގު ބައްތި ހަރުކުރުން – އިބްރާހިމް ނިޔާޒް
ގދ.ފިޔޯރީގައި އައުޓްޑޯރ ކޮމިއުނިޓީ ލައިބްރަރީއެއް ތަރައްޤީކުރުން - ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް
ސ.މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން – އިބްރާހިމް އާތިފް
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލް ތަކަކީ ހިލޭސާބަހަށް ކުރާ މަސައްކަތް ތަކަށާއި، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކަށާއި އަދި ތިމާވެށި ހިމާޔަތް ކުރުންފަދަ ކަންކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިގޮތުން ކޮންމެ ކުއާޓާއެއްގައި ހޮވާ ފަސް މަސްރޫޢުގެ ތެރޭގައި ހިމެނޭ ކޮންމެ މަސްރޫޢުއަކަށް ބީއެމްއެލްގެ ފަރާތުން އަންނަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ފަންޑްގެ ދަށުން މިހާތަނަށް 50 މަޝްރޫޢުއަކަށް ބީއެމްއެލްގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 27 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!