ދީނީ ޢިލްމްވެރިޔާ އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް ކުރަށްވައިފިއެވެ.

ބާ ކައުންސިލްގެ މެންބަރުކަން ވެސް ކުރަށްވަމުން ގެންދަވާ އަނާރާ ޕީއެޗްޑީ ފުރިހަމަ ކުރެއްވީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިއެމްޔޫ)އިން ނެވެ. ޕީއެޗްޑީ ޕްރޮގްރާމްގައި އަނާރާގެ ސްޕަވައިޒަރަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާގެ ބޭފުޅެކެވެ.

Ad
rt

އަނާރާ ޕީއެޗްޑީއަށް ދިރާސާ ހައްދަވައި، ތީސީސް ލިޔުއްވީ "ޝަރުޢީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމް އަޅާކިޔުމު ދިރާސާ"

Maldivian Democratic System of Government in the light of the Shara’h and Policy މި މަޢުލޫއަށެވެ.

ކުރުކޮށް އަނާރާ އުނގެނުމަށް ކުރެއްވި ދަތުރު

އަނާރާ ތަޢުލީމުގެ ކާމިޔާބު ހަރުފަތްތައް ކަޑައްތު ކުރެއްވުމުގައި ބޭނުން ކުރެއްވީ ޢަރަބި ބެހެވެ. އަނާރާ ދެކިވަޑައިގަންނަވާ ގޮތުގައި އެއީ މާތް ﷲ އެކަމަނާއަށް ދެއްވި އެތައް ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ.

އަނާރާގެ އުމުރުން 9 އަހަރެވެ. ތަޢުލީމް ހާސިލް ކުރަށްވަމުން ގެންދެވީ އަނާރާ އެރަށަކަށް ނިސްބަތްވެ ވަޑައިގަންނަވާ ހއ. ކެލާ މަދުރަސަތުލް ސެއިޚް އިބްރާޙީމްގައެވެ. އެދުވަސްވަރު އަނާރާ ޤުރުއާނަށް ވަރަށް ކޮށްޓެވެ. ޢަރަބި ބަހަކީ އުނދަގޫ ބަހެކެވެ. އެކަމާ އަނާރާ ހުންނަވަނީ ވަރަށް މޮޅިވެފަވެއެވެ. ޢަރަބި ބަހަށް ފަރިތަވުމަކީ އަނާރާގެ ނުހަނު ބޭނުންވެފައިވާ ކަމަށް އޮތީ ވެފައެވެ.

އެއްދުވަހަކު ކެލާ މަދުރަސަތުލް ސެއިޚް އިބްރާޙީމްގެ ގޯތި ތެރޭގައި ހުރި ގަހެއްދަށުގައި ހުންނަވާ އަނާރާ، މާތް ﷲގެ ހަޟުރަތަށް ދުޢާއެއް ކުރެއްވިއެވެ. ޢަރަބި ބަހަކީ އެކަމަނާއަށް ފަސޭހަ ބަަހަކަށް ވުމަށް އެދިއެވެ.

މިއަދު އަނާރާ ތަޢުލީމުގެ އެންމެ އުހަށް ވާސިލް ވެވަޑައިގަތްއިރު، ޢަރަބި ބަހަކީ އެންމެ ފަސޭހަ އެއްބަހެވެ. ތަޢުލީމުގެ މަތީ ފާސްތައް ހޯއްދެވީ މުޅިންވެސް ޢަރަބިބަހުން ކިޔަވާވިދާޅުވެގެންނެވެ. އެންމެ ކުޅަދުންވަންތައީ މާތްﷲ އެވެ.

ތަޢުލީމް ޙާސިލް ކުރަށްވަން މާލެ ވަޑައިގަތުން

އަނާރާގެ ދޮންބެ ރަށުން ކިޔަވާ ނިމުމުން، ޢާއިލާއާއިއެކު އަނާރާވެސް މާލެ ވަޑައިގަތީ އިތުރަށް ތަޢުލީމު ހޯއްދެވުމަށެވެ. އަނާރާގެ ކާފަގެ ވެސް އެންމެ ބޮޑު އެދުމަކަށްވީ އަނާރާ ޢަރަބި ބަސް އުނގެނިވަޑައިގަތުމަށެވެ. އެހެންކަމުން ޢަރަބި ބަސް އުނގެނުމަށް އެކަމަނާ އިތުރު ހިތްވަރެއް ލެއްވިއެވެ. މާލެއިން ފުރަތަމަ އަނާރާ ވަޑައިގަތީ އަރަބިއްޔާ ސްކޫލަށެވެ. އެއަށްފަހު މައުހަދުން ޢިލްމް ހާސިލް ކުރެއްވިއެވެ.

މަތީ ތަޢުލީމް ފެއްޓެވީ ޤަޠަރުން

މާލެއިން ކިޔަވާ ވިދާޅުވުމަށްފަހު މަތީ ތައުލީމު އުނގެނުމަށް އަނާރާ ވަޑައިގަތީ ޤަޠަރަށެވެ. އެ ގައުމުގައި 4 އަހަރާއި ބައި ކިޔެވުމުގައި ހޭދަ ކުރެއްވިއެވެ. ޤަތަރަށް ވަޑައިގެންނެވިއިރު އަނާރާ ވަނީ ޖަވާޒީ ހަޔާތެއް ވެސް ފައްޓަވާފައެވެ.

އެކަމަނާ އެނބުރި ރާއްޖެ ވަޑައިގަތީ ޤަޠަރުން ޤާނޫނާއި، ޝަރީޢާގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިގެންނެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓާސް އޮފް ޝަރީޢާ އެންޑް އާޓްސް ފުރިހަމަ ކުރެއްވިއެވެ.

އަނާރާގެ ޤައުމީ ޚިދުމަތުން ތަންކޮޅެއް

މަތީ ތަޢުލީމް ޙާސިލް ކުރެއްވުމަށްފަހު އަނާރާ ވަނީ ރައީސުލް ޖުމްޙޫރިއްޔާގެ އޮފީހުގައާއި ކުރީގެ ޖަސްޓިސް މިނިސްޓްރީގައި ޤައުމަށް ޚިދުމަތް ކުރަށްވާފައެވެ.

ދަރިކަލަކު ލިބިވަޑައިގަތުމުން އަނާރާ ނޯޕޭ ލީވަކަށް ވަޑައިގަތެވެ. އަލުން އެކަމަނާ ޤައުމީ ޚިދުމަތް ފެއްޓެވީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުންނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަނާރާ ތަމްސީލް ކުރެއްވީ މަކުނުދޫ ދާއިރާގެ ގޮނޑިއެވެ.

ޕީއެޗްޑީއަށް ކިޔަވާވިދާޅުވުން

އަނާރާ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ފެއްޓެވީ 2016 ވަނަ އަހަރުގެ ތެރޭގައިއެވެ. ކޯވިޑްގެ ދަތިކަމުގެ ތެރެއިން ޕީއެޗްޑީ ނިންމާލަށް ލަސްކަމެއް ކުރިމަތިވި ނަމަވެސް އަނާރާ މިއަދު ވަނީ މާތްﷲގެ ވާގިފުޅާއެކު އެކަން ހާސިލް ކުރަށްވާފައެވެ.

ޕީއެޗްޑީ ހެއްދެވުމުގައި އަނާރާގެ ދިރާސާ އަމާޒުކުރެއްވީ ވެސް ދިވެހި ޤައުމަށް ނުހަނު ބޭނުންތެރި ދާއިރާއަކުންނެވެ. މިގޮތުން އަނާރާ ހެއްދެވި، "ޝަރުޢީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމް އަޅާކިޔުމު ދިރާސާ"ގެ އަލީގައި ދިވެހި މުޖުތަމައުގެ ކަންކަން އިސްލާޙްގެ މަގަށް ގެނައުމަށް މުހިންމު، ބޭނުންތެރި މައުލޫމާތުތަކެއް ވަނީ، ހިމަނުއްވާފައެވެ.

އެދިރާސާގައި އެކަމަނާއަށް ލިބިވަޑައިގަތް ސިޔާސީ ތަޖުރިބާއާއި، ހޯދުނު މައުލޫމާތުތަކުގެ އަލީގައާއި، ދުޅަހެޔޮ ގައުމެއް ބިނާ ކުރުމަށް ސިޔާސަތުތައް އެކަށަހަޅަންވީ ގޮތާއި، އެކަންކަން ހާސިލްކުރުމަށް ޤާނޫނު އަސާސީއާއި ޤާނޫނުނީ އޮނިގަނޑަށް ގެންނަން ޖެހިފައިވާ ބަދަލުތައް ޢިލްމީ ދިރާސާގެ އަލީގައި ވަނީ ހިމަނުއްވާފައެވެ.

މީގެއިތުރުން ދީނީ އަގުހުރި މައުލޫމާތުތަކުން ޖަރީކޮށްފައިވާ މިދިރާސާ ހެއްދެވުމަށް އެކަމަނާ ވަނީ ރާއްޖޭގެ ވެރިކަމުގެ ތާރީޚު ފެށުނު ހިސާބުކަމަށް ދިވެހި ތާރީޚުން ފެންނަން އޮތް ހިސާބުންފެށިގެން 2008 ވަނަ އަހަރުގެ ފެހި ޤާނޫނު އަސާސީއާއި ހަމައަށް ލިބެންހުރި ފޮތްތަކާއި، ލިބިހުރި ހުރިހާ އިލްމީ ވަސީލަތްތަކެއް ދިރާސާކުރަށްވާފައެވެ.

މީގެއިތުރުން ލިބިވަޑައިގެންނެވި ޢިލްމް މުޖުތަމައަށް ފޯރުކޮށްދީ، ފޭރާންހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް މިހާރު ވެސް އަނާރާ ގެންދަވަނީ އެކަމަނާއަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ. މިގޮތުން ދީނީ ގޮތުން މުޖުތައު ހޭލުންތެރިކުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަށްވަމުންނެވެ.

އަނާރާ މިއަދުވެސް އާ ކުރަށްވާ އަޒުމަކީ އުނގެނިވަޑައިގެން ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރެއްވުންމަތީ ދެމި ހުންނެވުމެވެ.