މިފެށޭ ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކޯވިޑް ވެކްސިން ހޯއްދަވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ލިބޭނީ ވަކި ދުވަހެއް ކަމަށް ނުދެންނެވި ނަމަވެސް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާއި ދެތެރޭގައި އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ލިބޭނީ އެސްޓްރަޒެނެކާ ވެކްސިން، އަދި އެމެރިކާއިންވެސް ވެކްސިން ދިނުމަށް އަޅުގަނޑުމެން ލިސްޓްގައި ހިމަނާފަ ވަނީ، އެ އަންނާނެ ދުވަހެއް އަދިއެއް ޔަގީންކޮށް ސާފުކޮށް ދަންނަވާކަށް ނޭނގޭ" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ރަޝިއާއިން އުފައްދާފައިވާ "ސްޕަޓްނިކް ވީ"ވެކްސިންގެ ގެނައުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެފުރަތަމަ ޖަހަންފެށީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިންގެ 1 ލައްކަ ޑޯޒު އިންޑިއާއިން ހަދިޔާކުރުމުން 1 ލައްކަ މީހުންނަށް ވަނީ ފުރަތަމަ ޑޯޒު ދީފައެވެ. ނަމަވެސް އެ ވެކްސިން އިތުރަށް ލިބިފައި ނުވާތީ އެ 1 ލައްކަ މީހުން އަދިވެސް ތިބީ 2 ވަނަ ޑޯޒު ޖެހޭގޮތް ނުވެފައެވެ.
މިވަގުތު ރާއްޖެގައި ޖަހަމުން ދަނީ ޗައިނާ ސިނޯފާމް ވެކްސިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!