ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި މިހާރު ތަޢުލީމް ފޯރުކޮށްދެމުން އަންނަ ބާރަށު ސްކޫލަކީ 27 ޖުލައި 1995 ވަނަ އަހަރު އިމާރާތް ކުރެވިފައިވާ ސްކޫލެކެވެ. ގްރޭޑް 10 އަށް ކިޔަވައިދެމުން އަންނަ މި ސްކޫލުގައި މިހާރު ޖުމްލަ 292 ދަރުވަރުން ތަޢުލީމަ ހާޞިލް ކުރަމުންދެއެވެ.

ބާރަށު ސްކޫލުގައި 23 ދިވެހި މުދައްރިސުންނާއި 11 ބިދޭސީ މުދައްރިސުން ހިމެނޭހެން ޖުމްލަ 34 މުދައްރިސުން ދަރިވަރުންނަށް އުނގައްނައި ދިނުމުގައި މަސައްކަތް ކުރަމުން އާދެއެވެ. 1995 ވަނަ އަހަރުން ފެށިގެން ޖުމްލަ 8 ކުލާސް ރޫމެއް ދަރިވަރުންނަށް އުނގައްނައި ދިނުމަށް އަންނަނީ ބޭނުން ކުރަމުންނެވެ.

Ad
rt

ދިވެހި ސަރުކާރުން 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސިޔާސަތުގެ ދަށުން ބާރަށު ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ 12 ކުލާސް ރޫމެއްގެ ބިންގާ އެ އަހަރު ވަނީ އަޅާފަވެއެވެ.

2012 ވަނަ އަހަރުން ފަށައިގެން އެތަނުގެ މަސައްކަތް އެކި ސަބަބުތަކާއި ގުޅިގެން ހުއްޓެމުން ހިނގަމުން އައި ނަމަވެސް މިއަދާ ހިސާބަށް ވެސް އެ ބާރަ ކުލާސް ރޫމުގެ މަސައްކަތް ނިންމާލެވިފައި ނުވެއެވެ. އެ މަސައްކަތް މި އަހަރުގެ މާޗުމަހުގެ ތެރޭގައި ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 3,370,244.98 ( ތިން މިލިއަން ތިން ލައްކަ ހަތްދިހަހާސް ދުވިސައްތަ ސާޅީސް ހަތަރު ރުފިޔާ ނުވަދިހަ އަށް ލާރި)އަށް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށެވެ.

ތިލަދުން ނޫހާއި މަޢުލޫމާތު ހިއްސާކުރަމުން ބާރަށު ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން ވިދާޅުވެފައި ވަނީ ފާއިތުވެގެންދިޔަ ތަނުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ޖެހުމުގެ ސަބަބުން ތަފާތު ދަތިތަކާއި ކުރިމަތި ވަމުންދާކަމަށެވެ. ނަތީޖާ ނެރުމުގައި ވެސް ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ސްކޫލުގެ އިތުރު ހަރަކާތް ހިންގުމަށް ދަތިތަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވެފައިވަނީ އަލަށް އިމާރާތް ކުރަމުންދާ ބާރަ ކުލާސްރޫމް ނިންމުމަށް މިނިސްޓްރީއާއި ގުޅިގެން ތަފާތު ގިނަ މަސައްކަތްތަކެއް ފާއިތުވި ތަނުގައި ވެސް ކުރެވިފައިވާ ކަމަށާއި އަދި އަންނަ އޯގަސްޓް މަހު ސްކޫލުގެ ކިޔެވުން ފަށާއިރު، ބާރަށު ސްކޫލުން މިހާރު ތައްޔާރުވަމުން ދަނީ ވެސް އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށެވެ. ވުމާއިއެކު އިމާރާތް ނުނިމި އެއް ދަންފަޅިއަށް ކިޔަވައިދޭން ނުފެށިއްޖެނަމަ ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.

އިމާރާތުގައި މިހާރު ނުނިމި ހުރި މަސައްކަތްތަކަށް ބަލައިލާއިރު އެތަނުގެ ފާހާނާތަކުގައި މުށި މިހާތަނަށް ޖެހިފައި ނުވެއެވެ. ކަރަންޓް ވައިރިން ފެންވައިރިންގެ މަސައްކަތް ނިންމާލެވިފައި ނުވާއިރު އިމާރާތުގެ ކުލައިގެ މަސައްކަތްތައް ވެސް އަދި ހުރީ ނިންމާނުލެވިއެވެ. މީގެއިތުރުން އެތަނުގެ ވޯކްވޭ މަސައްކަތް ވެސް އަދި އޮތީ ނިންމާނުލެވިއެވެ.

އިމާރާތް ނިމި ބާރަށު ސްކޫލު އެއް ދަންފަޅިއަށް ކިޔެވުން ބަދަލުވެގެން ދިޔުމަކީ ޕްރިންސިޕަލްގެ އިތުރުން ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ޒަމާންވީ އުންމީދެކެވެ. އަދި ސްކޫލް ދަރިވަރުންނަށް އެކަށޭނަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށް އޮތްތާގައި ސްކޫލުގައި މަލްޓިޕާޕަސް ހޯލާއި ކޮމްޕިއުޓަރ ލެބް ފަދަ ވަސީލަތްތައް ޤާއިމްވެގެން ދިއުމަކީ ވެސް ބާރަށު ރައްޔިތުންގެ އުންމީދެވެ.