ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް، ހަނިމާދޫގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމުން ބަޔެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދަށް އިތުރުކުރުމާމެދު ގޮތެއް ނިންމަން ހަނިމާދޫ ކައުންސިލްގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މިގޮތުން މާދަމާ އޮންނަ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 6 ވަނަ އާންމު ބައްދަލުވުމުގެ އެޖެނޑާ ނަމްބަރު 3 ގައި ވަނީ ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދަށް ބިން އިތުރުކުރުމަށް ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައެވެ.

Ad
rt

"މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އިންފްރާންސްޓްރަކްޗަރއިން ފޮނުވާފައިވާ ސިޓީއާއި ހަވާލާދިނުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކޯވިޑު ޙާލަތު ތަންނުދެތީ، އެޕްރޮޖެކްޓް ލަސްވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމާއިއެކު، އެސިޓީގައި ޙަވާލާދެއްވާފައިވާ ބިމުގެ ތެރެއިން އެއަރޕޯޓް ފެންސުން ފެށިގެން ކަސްޓަމު މަގާއިދޭތެރޭގައިވާ ބިމުން ގޮނޑުގޮށުގެ ހޭޅިން ފެށިގެން އެއްގަމަށް 30 (ތިރީސް ފުޓު) ހޭޅީ ސަލާމަތްކުރުމަށް، އަދި އަވަށުންދާ ބޭރުމަގަށް 70 (ހަތްދިހަ ފޫޓު) ނުހިމެނޭގޮތަށް 400000 (ހަތަރުލައްކަ އަކަފޫޓު) ބިމެއް އެއަރޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުއަށް ލޭންޑްޔޫސް ޕްލޭނަށް އިތުރު ކުރުމާއިމެދު މި ކައުންސިލުން ނިންމުމަށާއި، އަދި ބިމުގެ ރަޖިސްޓްރީ ކަންތައް ހަމަޖައްސަވައި ދެއްވާނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށް ލޭންޑްޔޫސް ޕްލޭނެއް ނިންމުމަށްފަހުގައި ކަމަށް ފާސްކޮށް ބިމުގެ މައްސަލަ ވީއެންމެ އަވަހަކަށް ނިންމުން." ހަނިމާދޫ ކައުންސިލްގެ އެޖެންޑާގައި ބުނެފަވެއެވެ.

ހަނިމާދޫ އެއާޕޯޓަށް، ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދުން ބިން އިތުރުކޮށްދޭން ނިންމައި، ކައުންސިލުން އެކަން އެޖެންޑާ ކުރުމުން މީސް މީޑިއާގައި އެރަށުގެ ގިނަ ޒުވާނުންތަކެއް ދަނީ ނުރުހުންފާޅުވެސް ކުރަމުންނެވެ.

ސަރުކާރުން އެދިފައި ވަނީ ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށެވެ. ނަމަވެސް މިފަހަހަރު ކައުންސިލުން އިތުރުކޮށް ދޭން ނިންމާފައި މިވަނީ އެ ބިމުގެ ދެބައިކުޅަ އެއްބަޔަށްވާ ޢަދަދެވެ.

އެބިން ހަނިމާދޫ އެއާޕޯޓު ސަރަހައްދަށް އިތުރުކުރުމާމެދު ހަނިމާދޫގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، އެވަރު ބިމެއް ދޫކޮށްލާއިރު ހަނިމާދޫ ރައްޔިތުންނަށް ގޯތިވެސް ނުލިބި 10 ވަރަކަށް އަހަރު ވޭތުވެއްޖެކަމަށް ވެސް އެރަށުމީހުން ދަނީ ބުނަމުންނެވެ. އެ ބިމުން އެކަނި ވެސް 2،500 އަކަފޫޓްގެ 341 ގޯތި ދޫކުރެވޭނެ ކަމަށާއި، އަދި ގޯތި ދިނުމުގައި ރައްޔިތުންނަށް ބިން ސާފުކޮށް، އަލިކުރުމަށާއި، ބަދަލުދޭން ޖެހޭ ރުއްގަސް މަދުވުމުން އެ ބިމަކީ މިހާރު އެރަށުގައި އޮތް އެންމެ ރަނގަޅު ސަރަހައްދު ކަމަށް ވެސް އެމީހުން ބުނެއެވެ.

މީގެއިތުރުން ހަނިމާދޫ އެއާޕޯޓު ތަރައްގީވެގެން އަންނައިރު، ރަށަށް އެންމެ ރަނގަޅު ނަފާ ހޯދެން އޮތް އެންމެ ރަނގަޅު އެއް ފުރުޞަތަކީ ވެސް އެ ބިން ކަމަށް އެ މީހުން ބުނަމުންދެއެވެ.

މި ބިމުގެ މައްސަލާގައި، ހަނިމާދޫގައި ހަރަކާތްތެރިވާ ތިން މަދަނީ ޖަމިއްޔާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށް މިމަހުގެ 8 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެެވެ.

އެ ސިޓީގައި ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓަށް މިހާރު ކަނޑައެޅިފައިވާ ބިމަކީ ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގެ ބިމުން އެންމެ އަކަ އިންޗިއެއް ނުދިން ނަމަަވެސް މިހާރު ސަރުކާރުން ކޮށްފައިވާ ޕްލޭނާއެއްގޮތަށް އެއާޕޯޓު ތަރައްގީ ކުރެވިދާނެ ބިމެއް ކަމަށެވެ. އަދި މީގެއިތުރުން ހަނިމާދޫ ފަޅަކީ ބޮޑު ފަޅެއްކަމަށް ވުމާއެކު ބޭނުންވެއްޖެ ހިނދެއްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް އެ ބޮޑު ފަޅުގެ ބޭނުން ހިފޭނެ މަގު ފަހިވެފައި އޮތުމާއެކު، ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގެ ބިމުން ބައެއް އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރުކުރުމަކީ ހަނިމާދޫ ކުދިބޮޑު އެންމެން ހިތާމަ ކުރާ ކަމެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެ ސިޓީގައި ވަނީ މިހާރު އެއާޕޯޓަށް އިތުރުކުރުމަށް ސަރުކާރުން ނިންމާފައި ބިން ހިމެނޭ ސަރަހައްދުގެ ގޮނޑުދޮށަކީ ހަނިމާދޫގެ އާއިލާތައް މޫދަށް އެރިލާ އުފާވެރި ވަގުތު ހޭދަކޮށްލަން އެރަށުގައި މިހާރު ހަމައެކަނި އޮތް ސަރަހައްދުކަން ވެސް ފާހަގަކޮށް، އެ ބިން ގެއްލިއްޖެނަމަ އެ ޢާއިލާތަކަށް ޢާއިލީ އުފާވެރި ވަގުތުތައް ހޭދަކުރުމަށް އެ ސަރަހައްދުގެ ގޮނޑުދޮށާއި، ހޭޅިފަށުން ލިބުނު ފުރުޞަތު ބަންދުވާނެ ކަމާއި، ހަނިމާދޫގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި 300 އެއްހާ ޢާއިލާއަށް ވެސް ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން އިތުރަށް މާޔޫސް ވެފައިވާ ކަމަށް އެސިޓީގައި ބުނެފަވެއެވެ. އަދި އެ ބިމަކީ ރަނގަޅަށް ޕްލޭން ކޮށްގެން ހަނިމާދޫ ރައްޔިތުންނަށާއި، ރަށުގެ މާލިއްޔަތަށް ގިނަ ފައިދާތަކެއް ވެސް ހޯދޭނޭ ބިމެއްކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައި ބުނެފަވެއެވެ.