ށ. ފުނަދޫގައި ހޯމް ކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް، އުސޫލާއި ހިލާފަށް ވަތް މީހަކު މިއަދު 5 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ''ތިލަދުން"އަށް ވިދާޅުވީ، އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ބެލި ބެލުމުން، އެރަށުގައި ހޯމްކަރަންޓީނުގައި ބަޔަކު ތިބި ގެޔަކަށް އުސޫލާ ހިލާފަށް މީހަކު ވަތް ކަމުގެ މައުލުމާތު މިއަދު ލިބުނު ކަމަށެވެ.

Ad
rt

އެކަން ފުނަދޫގައި ތިއްބަވާ ފުލުހުންނަށް އެންގުމުން، އުސޫލާއި ހިލާފަށް އެ ގެއަށް ވަތް މީހާ 5 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އޭނާ ކަރަންޓީނުގައި ހުރި ގެއަކަށް ވަތްކަން އެނގުނީމަ ފުލުހުންނަށް އެންގީ، މިއީ މިގޮތަށް މިރަށުގައި މީހަކު ޖޫރިމަނާކުރި ފުރަތަމަ ފަހަރު، މީގެކުރިން ދަތުރުކުރުމުގެ އުސޫލާ ހިލާފްވި ބައެއް މީހުން ޖޫރިމަނާކުރި،" އަހުމަދު ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ، އެރަށަކީ ވަރަށް ގަވާއިދުތަކަށް ބޯލަނބާ ރައްޔިތަކު އުޅޭ ރަށެއްކަން ފާހަގަކުރަށްވާ ކަމަށެވެ. ނަމަވެސް އެންމެ މީހަކު މިފަދަގޮތަކަށް އަމަލު ބެހެއްޓުމުން މުޅި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް ކަމަށްވާތީ، ކޯވިޑުން ރައްކާތެރިވުމަށް ދޭއިރުޝާދާއި، އެކަށަހަޅާފައިވާ އުސޫލުތަކަށް އެރަށުގައި ދިރިއުޅޭ އެންމެން ވެސް ބޯލެނބުމަށް އިލްތިމާސް ކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށަކީ ރައްކާތެރި ރަށެއް ގޮތުގައި އޮތުމުގެ އަސްލަކީ މިރަށުގެ ރައްޔިތުންގެ ކިޔަމަންތެރިކަން، ހާސްކަން ގެނުވި ހާލަތުތައް މިރަށަށްވެސް ތަޖުރިބާކޮށްފިން، އެކަމަކު އެހާލަތްތަކުން ވެސް އަރައިގަތީ ރައްޔިތުންގެ ވަރަށް ބޮޑު ގުރުބާނީއާއެކު" އަހްމަދު ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅެއް ކުރިއަށް އޮތް ތާނގައިވެސް އަޅުއްވާނެ ކަމަށާއި، ކޯވިޑާއި ގުޅިގެން އަންގާފައިވާ އެންގުންތަކާ އެއްވެސް މީހަކު ހިލާފުވިކަން އެނގިއްޖެނަމަ އެމީހަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މިވަގުތު އެރަށުގެ 15 ގެއެއްގައި ހޯމް ކަރަންޓީނުގައި މީހުން އެބަތިއްބެވެ.