ހއ. ދިއްދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ހިލަތަކުގެ ތެރެއަށް އެއްވެސް ޒާތެއްގެ ކުންޏެއް ނޭޅުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އެދެފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދިއްދޫ ހިއްކި ސަރަގައްދުގެ މޫދަށާއި ހިލަތަކުގެ ތެރެއަށް ކުނީގެ އިތުރުން ކެއިން ބުއިމަށް ބޭނުންކުރާ ކުނިވާޒާތުގެ ތަކެތި އަޅަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

Ad
rt

ކުނިވާޒާތުގެ ތަކެތި އެޅުމުގެ ސަބަބުން އެ ސަރަހައްދުގައި ވަސްނުބައިވެ ބުޅަލާއި އަދި އެހެނިހެން ދިރޭތަކެތި ގިނަވެ އެ ސަރަހައްދުގެ ސާފުތާހިރުކަން ވަރަށް ބޮޑަށް ގެއްލިފައިވާކަމުގައި ވެސް އެ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.

ވުމާއިއެކު އެ ސަރަހައްދަށް އެއްވެސް ޒާތެއްގެ ކުނި ނޭޅުމަށް ކައުންސިލުންވަނީ ރަށުގައި ދިރިއުޅެމުންދާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ދިއްދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ ފަދަ ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ހެދުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ އިތުރުން އެ ކައުންސިލުންވެސް ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި އެކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.

އެގޮތުން ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅުގޯތިތަކުގައި ވިނަހެދި ގިނައަދަދަކަށް ކުނި ޖަމާވުމުގެ ސަބަބުން އެފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޞިއްޙީގޮތުން ގިނަގުނަ ދަތިތަކާއި ކުރިމަތިލާން
ޖެހި އުނދަގޫތައް ތަޙައްމަލު ކުރަމުން އަންނާތީ އެފަދަ ތަންތަން ސާފުކުރުމަށްވެސް ވަނީ ކައުންސިލުން އަންގާފަ އެވެ.