މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މައުލޫމާތާއި ހިންގާ ހަރަކާތްތަކުގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން "މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" ނަމުގައި އޮންލައިން ކުއިޒެއް ބާއްވަން ނިންމައިފިއެވެ.
މިކުއިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2021 ފެށިގެން 30 ޖުލައި 2021 ގެ ނިޔަލަޔަށްކަމުގައި އެމްއެމްސީ ވިދާޅުވެއެވެ. އަދި ކުއިޒުގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ހުޅުވާލާ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައިވެސް ވިދާޅުވެއެވެ. އެހެންކަމުން ކުއިޒުގައި ބައިވެރިވުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ބައިވެރިންނަށް ލިބިގެންދާނެއެވެ.
"މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" އަށް ރަޖިސްޓަރީވުމުގެ ދުވަސް ކައިރިވުމުން ރަސްމީގޮތެއްގައި އެކަން މީޑިއާ ކައުންސިލްގެ ފޭސްބުކް ޕޭޖް، އިންސްޓަރ ގްރާމް އަދި ޓްވިޓާ މެދުވެރިކޮށް އާންމުކުރާނެކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ. ހަމައެއާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތަރޭގައި ކުއިޒުގައި ބައިވެރިވުމަށް އަމަލުކުރަންޖެހޭ ގޮތްތަކަށް ފުރިހަމައަށް ތަވާބުމަށްވެސް މީޑިއާ ކައުންސިލުން އެދިފައިވެއެވެ.
ހަމައެއާއެކު، ކުއިޒުގެ ސުވާލުތައް މީޑިއާ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި 1 ޖުލައި 2021 އިން ފެށިގެން އެދުވަހެއްގެ ސުވާލުތައް އެދުވަހުގެ 13:00 ގައި ފޭސްބުކްގައި ޝާއިރުކުރެވޭނެކަމަށް ވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.
މި ކުއިޒުން އެއްވަނަ ލިބޭ ފަރާތަށް 3،000 (ތިންހާސް) ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނައަށް ދާ ފަރާތަށް 2،000 ( ދެހާސް) ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަށް 1،000 (އެއް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.
މީޑިއާ ކައުންސިލުން ކުރިޔަށް ގެންދާ ކުއިޒުގެ މަޤްޞަދަކީ މީޑިއާ ކައުންސިލުން ހިންގާ މައުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އަދި މީޑިއާގެ އެހެނިހެން ކަންތައްތަކާއި މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި މީޑިއާ ކައުންސިލްގެ އާއްމު މައުލޫމާތާއި، މައްސަކަތާއި ގުޅޭގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު އެނގެނީ ކިހާވަރަކަށްތޯ ދެނެގަތުމެވެ. މީގެ އިތުރުން ކޯވިޑް-19 ގެ ސަބަބުން ރައްޔިތުން ގޭގައި ތިބެގެންޖެހިފައިވާ ދަނޑިވަޅެއްގައި މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތެއްކޮށް އިނާމެއް ހޯދުމުގެ ފުރުޞަތު ހޯދައިދިނުމަކީވެސް ކުއިޒު ކުރިޔަށްގެންދާ މައިގަނޑު އެއް ސަބަބުކަމުގައިވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!