ކުޅުދުއްފުށި ސިޓީގައި ކުޅިވަރު ކުރިއެރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށް ދިޔައީ، މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފްއާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި މެމްބަރުންނާއި އެކު އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމގައެވެ.
އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ކުޅުުދުއްފުށީގައި ހިންގަވާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
"މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގައި ކުޅިވަރު ކުރިއެރުވުމާއި ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި." ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.
މި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގައި ޔޫތު މިނިސްޓްރީ އިން ހިންގަމުން ގެންދާ އަދި ހިންގަން ހަމަޖެހިފައި ހުރި މަޝްރޫއުތައް އަވަސްކޮށް ހިންގާ ރައްޔިތުންނަށް އޭގެ ހިދުމަތް އަވަހަށް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެދިލެއްވިއެވެ.
އެގޮތުން އައުޓްޑޯ ޖިމް/އިންޑޯޖިމް، ފުޓުބޯޅަ ދަނޑު، ސިންތަޓިކް ޓްރެކް، އަލަށް އަޅާ ވޮލީ ކޯޓު، މިހާރު ހުރި ކުޅިވަރު ކޯޓުތަކުގެ ލައިޓިން، ޕާކު، 2 ޓެނިސް ކޯޓު އަދި ސްޓޭޑިއަމްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެދިލެއްވި ކަމަށް ވެސް މޭޔަރު އާތިފް ވަނީ ވިދާޅުވެފައެވެ.
"މީގެ އިތުރުން ޓާފް ފުޓްސަލްދަނޑު ހަލާކުވެފައި ވާތީ އެތަން މަރާމާތު ކުރުމަށް އިތުރު މަޝްރޫއެއް ހިންގައި ދިނުމަށް އެދުނިން" އާތިފް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ސިޓީ ކައުންސިލްގެ މަސައްކަތް ރަސްމީކޮށް ފެށުނު ދުވަހުން ފެށިގެން އެ ކައުންސިލުން އަންނަނީ ކުޅުދުއްފުށީގެ ތަރައްގީއާއި ގުޅުންހުރި މަސައްކަތްތައް ވިލަރެސްކޮށް ހިންގާ މުއައްސަސާތަކާއި ބައްދަލުކޮށް އެ މުއައްސަސާއެއްގެ ދަށުން ހިންގޭކަންކަން ހަރުދަނާކޮށް ހިންގުމަށާއި، އާ މަޝްރޫޢުތައް ހަލުވިމިނެއްގައި ހިންގުމަށް ބާރުއަޅައި މަސައްކަތްތައް ކުރަށްވަމުންނެވެ.
ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކޮށް، ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދިނުމަކީ އެ ކައުންސިލްގެ އަމާޒެކެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުން ފަދަ އެ ސިޓީއަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ހާސިލް ކުރުމަކީ އެ ކައުންސިލްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!