ފަލަސްތީނު ނެތިކޮށްލައި، އެ ގައުމުގެ މުސްލިމް ނަސްލު ނައްތާލުމުގެ ޖަރީމާ އިންގަމުންދާ ހައްދު ފަހަނާ އަޅާފައިވާ އިޒްރޭލަށް ތާއީދު ކުރި ހަނިމާދޫ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރު މިއަދު ފޮނުވާލުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ހަނިމާދޫ ސްކޫލުން ވިދާޅުވެއްޖެއެވެ.
އެ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަން ވަނީ، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް އިޒްރޭލަށް ތާއީދުކޮށް އޭނާގެ ފޭސްބުކް ޕްރޮފައިލް ބަދަލުކޮށްފައެވެ.
އޭނާގެ އެ އަމަލު ހަނިމާދޫ ސްކޫލުން ކުށްވެރިކޮށް، މިއަދު ހެނދުނު ނޫސްބަޔާނެއް ނެރެފައިވާއިރު މިއަދު ހަވީރު އޭނާ ހަނިމާދޫން ފުރުވާލުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުލް މުޙްސިން އަބުދުލްލަތީފް "ތިލަދުން"އަށް ވިދާޅުވިއެވެ.
"މިއަދު މެންދު 13:30 ހާއިރު އެޑިޔުކޭޝަނުން ނިންމަވައިފި އޭނާ ގައުމަށް ފޮނުވާލަން. މިއަދު ހަވީރުގެ ކުރީން ފޮނުވާލެވޭތޯ މިދަނީ މަސައްކަތް ކުރަމުން، މިއަދު ހަވީރު މިރަށުގައި ފަލަސްތީނަށް ތާއީދުކޮށް ބޮޑު ހިނގާލުމެއް ވެސް އޮތުމާއެކު މަސްލަހަތަށް ބަލައި އޭނާ ފުރުވާލުން އަވަސް ކުރެވޭތޯ މިބަލަނީ" މުހްސިން ވިދާޅުވިއެވެ.
ހަނިމާދޫ ސްކޫލްގެ އަހަރީ ދުވަހުގެ ހަަރަކާތްތަކުގެ ތެރެއިން ފަލަސްތީނަށް ތާއީދުކޮށް ހިންގި ހަރަކާތްތަކުގެ ތެރެއިން ފޮޓޯއަކަށް އަރާފާނެތީ ވެސް އެ ޓީޗަރު އުޅުނު ކަމަށް ވެއެވެ. އެހެންކަމުން "އެބީ ސާ"ގެ ނަމުން މަޝްހޫރުވެފައިވާ އެ ޓީޗަރު އެ ހަރަކާތްތަކުގެ ފޮޓޯއަކުން ނުފެނެއެވެ.
އެ ޓީޗަރަކީ ގިނަ ދުވަސްތަކެއް ވަންދެން ހަނިމާދޫ ސްކޫލްގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އަދި މިއަދާއި ހަމައަށް އޭނާ ހުރީ އެރަށު މީހުން ވަަރަށް އިޚްތިރާމް ވެސްކުރާ މީހެއްގެ ގޮތުގައެވެ.
ސްކޫލުތެރޭގައި ހުއްޓާ މި ޓީޗަރަށް ވަނީ 2018 ވަނަ އަހަރު ފަހުކޮޅު ސްޓްރޯކެއް ވެސް ޖެހިފަ އެވެ. ސްޓްރޯކް ޖެހި، އެއް ފަޅި ވާގިނެތުމުން، އެދުވަހު ހުރި ފްލައިޓްތަކުގައި އޭނާ މާލެ ގެންދަން ޖާގަ ނެތުމުން އެމޭޖެންސީގައި، އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އޭނާ މާލެ ގެންދިޔައިރު މުޅި ސްކޫލްގެ ބެލެނިވެރިންނާއި، ދަރިވަރުން އޮތީ އެއާޕޯޓް ފުރާލާފަ އެވެ.
އިޒްރާއީލަށް ތާއީދުކޮށްގެން ހުރިކަން ދޭހަވާގޮތަށް އެ ޓީޗަރުގެ ފޭސްބުކް ޕްރޮފައިލް ރޭގެ ވަގުތެއްގައި ބަދަލުކޮށްފައި ވާއިރު، މިއަދަކީ ފަލަސްތީނަށް ތާއީދުކޮށް ހަނިމާދޫގައި ބޮޑު ހިނގާލުމެއް ވެސް ބާއްވަން ނިންމާފައިވާ ދުވަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!