ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ 6 ވަނަދުވަހުދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރޭގެ ވަގުތެއްގައި ބ. ދަރަވަންދޫން ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ލ.ގަން / ދުންފިނިއުފާ، އަހުމަދު ފާތިހު (23 އަހަރު) ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ބ. ދަރަވަންދޫގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ހިންގި އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރުމަށްފަހު އޭނާ ވަނީ މިއަދު މާލެ ގެނެސްފައެވެ. ފާތިހުއަކީ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން ވެގެން އައިއީޑީ ހުރި ސައިކަލު އެސަރަހައްދުގައި ޕާކުކުރި މީހާ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

Ad
rt

މައްސަލައިގައި މީގެކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާފައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ހައްޔަރުކޮށްފައިވަނީ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މި ދެމީހުންގެ ތެރެއިން ތަހްމީނަކީ މި ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރިފަރާތެވެ.

ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުވެސް ވަނީ ހައްޔަރުކޮށްފައެވެ. މީނާ ހައްޔަރުކޮށްފައިވަނީ ސިފަ ބަދަލުކޮށްގެން އެނާ ދިރިއުޅޭ އެޕާޓްމެންޓްގެ ތެރޭގައި އުޅެނިކޮށެވެ. މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަޚަމްތަކެއްވަނީ ލިބިވަޑައިގެންފައެވެ. މިހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެން ކަމުން މިބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އެމަނިކުފާނު ގެންދަވަނީ ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.