ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެ އެވެ.
ކައުންސިލަރުން ހުވާކުރުމަށް ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނައުމަށް ނިންމާފައި ނުވާ ކަމަށް ވެސް އެލްޖީއޭއިން ވިދާޅުވެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކޯވިޑް-19 ގެ ހާލަތު ގޯސްވެފައިވީ ނަމަވެސް ކައުންސިލަރުން ހުވާ ކުރުން ލަސްކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް ހަމަޖައްސާފައިވާ ގޮތަށް މި މަހުގެ 17 ވަނަ ދުވަހު ހުވާ ކުރުން ކުރިއަށްގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ނިންމީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވި ފަހުން ވެސް ވަރަށް ގިނަ ދުވަސް ވެފައިވާތީ އާއި އަދި ބައެއް ރަށްތަކުގެ ކައުންސިލަރުން މަގާމުން ވެސް އިސްތިއުފާ ދެއްވާފައިވާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި އާންމުންނަށް ބައިވެރިނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދާއިރު، ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުންނަށް ހުވައިލައިދޭ ފަނޑިޔާރު ވެސް ބައިވެރިވާނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އޮތީ ހުސްވި އޭޕްރީލް މަހުގެ10 ވަނަ ދުވަހު އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ވޯޓްލާފައި ވެއެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!