ށ. ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފުނަދޫއާއި އެ އަތޮޅު ބައެއް އެހެން ރަށްރަށާއި، މާލެ އާއި ދެމެދު ދަތުރުކުރާ އެ ބޯޓުން ޕޮޒިޓިވްވީ ފަޅުވެރިއަކާއި، ކޭޝިޔަރެވެ. ފަޅުވެރިޔާއަކީ ބިދޭސީއެކެވެ. ކޭޝިޔަރަކީ ފުނަދޫއަށް ނިސްބަތްވާ މީހެކެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު "ތިލަދުން"އަށް ވިދާޅުވީ، އެމީހުން ކޯވިޑްއަށް ޓެސްޓްކުރީ އެތަނުން އެކަކުގެ ކިބައިން އަލާމާތް ފެނިގެން ކަމަށެވެ.
"ރަށަށް އައިސް އެ ބޯޓުން ކުއްޖަކު ގުޅީ އަލާމާތް ފެނިގެން، ދެން އަޅުގަނޑުމެން ބޯޓުގެ އެންމެން ޓެސްޓް ކުރީ، ޓެސްޓް ކުރިއިރު ދެ މީހެއްގެ ސާމްޕަލް މިވަނީ ޕޮޒިޓިވްވެފަ، މިހާރު އެ ބޯޓުގައި ތިބި މީހުންނާއެކު ބޯޓު ވަނީ 14 ދުވަހަށް ކަރަންޓީނު ކުރެވިފަ" އަޙްމަދު ވިދާޅުވިއެވެ.
އެ ބޯޓުގައި މަސައްކަތްކުރާ މީހުންފިޔަވާ އިތުރުބަޔަކު ފުނަދޫއަށް ދަތުރެއް ނުކުރެއެވެ. އެ ބޯޓު ދިޔައީ މާލެއިން މުދާ ހިފައިގެންނެވެ.
"ޅައިމަގަށް ކަރަންޓީނަށް އައި ކުއްޖަކުއައި، ދެން ހުރީ ހުސްމުދާ، ބޯޓުން މުދާ ހުސްކުރުމުގެ ކަންތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާނަން، މުދާ ބާލާފައި ގަޑިއެއްހާއިރުފަހުން ބަލާ އާދެވޭ ގޮތަށް މިހަދަނީ، އެކަންކަން ވެސް ކުރާނީ ރައްކާތެރިގޮތްތަކަށް ބަލައިގެން" އަޙްމަދު ވިދާޅުވިއެވެ.
އެ ބޯޓުގެ މީހެއްގެ ކިބައިން ބަލީގެ އަލާމާތް ފެނުމުން އެއްވެސް މީހަކު އެއްގަމަށް ނުފައިބާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރީއެވެ. އެހެންކަމުން އެ ބޯޓުގެ އެއްވެސް މީހެއް އެރަށުގެ މިހަކާ ކޮންޓެކްޓް ވެފައެއް ނުވެއެވެ. މި ބޯޓުން މިދައްކުވައި ދެނީ ފަރުދީ ޒިންމާ ނެގުމުގެ ރީތި މިސާލެކެވެ.
މެއި 1 ވަނަ ދުވަހު އެރަށުން ވަނީ ދަރިވަރަކު ވެސް ޕޮޒިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން އެރަށުގެ 26 ގެއެއް ވަނީ ކަރަންޓީނު ވެސް ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!