ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން، އެ ހޮސްޕިޓަލްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓެއްހަދައި ބޭނުންކުރަން ފަށައިފިއެވެ.
ޒަމާނީ ފަހުގެ ގިނަ ބަދަލުތަކާއިއެކު ހިންގަމުން އަންނަ އުތުރުގެ މައި ހޮސްޕިޓަލުން އިންސްޓަގްރާމް ބޭނުންކުރަންފެށިއިރު، މިހާތަނަށް 107 މީހަކު ވަނީ އެ އެކައުންޓް ފްލޯކޮށްފަ އެވެ.
އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ފޭސްބުކް، ޓުއިޓާ އަދި ވައިބަރ މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދެމުންނެވެ. މިގޮތުން އެ ހޮސްޕިޓަލުން އިންސްޓަގްރާމް ޕްލެޓްފޯމާއި ގުޅުމުން، އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު މައުލޫމާތު ހޯދޭނެއެވެ.
ކޭއާރުއެޗްގެ ފޭސްބުކް ޕޭޖް ފްލޯކުރާ 8 ހާހަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެ ހޮސްޕިތަލްގެ ޓްވީޓަރ ފްލޯކުރާ 1500 އަށްވުރެ ގިނަ މީހުންތިބިއިރު، އެ ހޮސްޕިޓަލްގެ ރަސްމީ ވައިބަރ ގްރޫޕްގައި 3800 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
ކޭއާރުއެޗުން މިހާރު ވަނީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ ފަސޭހައަށްޓަކައި އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފޯރުކޮށްދޭން ވެސް ފަށާފަ އެވެ. މި މޯބައިލް ކިއު ސިސްޓަމްއާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް މެދުވެރިކޮށް ކައުންޓަރު އަދި އޯޕީޑީގެ ކިއު ނަންބަރުތައް ބަލާލުމުގެ ފަސޭހަކަން ވަނީ ލިބިފައެވެ.
ކޭއާރުއެޗްއަކީ ފަހުގެ ތާރީޚެއްގައި އަތޮޅުތަކުން އެންމެ ބޮޑު ކުރިއެރުން ހޯދާފައިވާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަކީ އުތުރުގެ މައި ހޮސްޕިޓަލް ކަމަށްވެފައި، އެ ހޮސްޕިޓަލުން ވަނީ ގިނަ އާ ޚިދުމަތްތަކެއް ތަޢާރުފްކޮށް، ޚިދުމަތް ހޯދާ މީހުންނަށް ގިނަ ފަސޭހަ ތަކެއް ހޯދައީ، ހިދުމަތް ހޯދާ މީހުންގެ އިތުބާރު ބޮޑު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!