ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި، ފެޑޯ އިންވެސްޓްމެންޓާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަަނަ ދުވަހުއެވެ.
އެ ބީލަމަށް 3 ފަރާތަކުން ކުރިމަތިލިޔެވެ. އެ ބީލަން ކާމިޔާބު ކުރި ފެޑޯ އިންވެސްޓްމެންޓާއިއެކު މިއަދު އެ މަޝްރޫޢޫގެ އެއްބަސްވުމުގައި ސޮއިކުރިއިރު ކެލާގައި އެ ހޮޓާ ތަރައްގީކުރަން ހަމަޖެހިފައިވަނީ އެރަށުގެ ތުނޑީގައެވެ.
މި ހޮޓަލަކީ 100 އެނދުގެ ހޮޓަލެކެވެ. މި ހޮޓާ ތަރައްގީކޮށް 2 އަހަރާއި ބައިގެ ތެރޭގައި ހުޅުވަން ޖެހެއެވެ.
މިގޮތުން ކެލާ ތުނޑީ ސަރަހައްދުން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު އެ ހޮޓާ ތަރައްގީކޮށް ހިންގުމަށް ދޫކުރެވޭނެއެވެ.
ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން މިހާރު ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. މިގޮތުން ގެސްޓްހައުސް އެޅުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ހަދަން 10،000 އަކަފޫޓުގެ 2 ބިމެއް ދޫކުރަން ވަނީ ހުޅުވާލާފަ އެވެ. އެ ބިންތަކަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހަމަވާނެއެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.
ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!