މިހާރު ހިނގަމުންދާ ކަންކަމުގެ އަޑީގައި ތިބީ އިދިކޮޅު ކޯލިޝަންކަމަށާއި، އެ ކޯލިޝަންގެ މެންބަރުން ހިފާ ހައްޔަރުކުރުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ގޮވާލައިފި އެވެ.

ޝަހީމް މިހެން ގޮވައިލީ، ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝަހީމް ވިދާޅުވީ، ހަރުދަނާ ސިޔާސީ އިދިކޮޅު ޕާޓީއެއް ނެތުންއެއީ ޤައުމަކަށް ދިމާވާނެ އެންމެ ހިތްދަތި ކަންތައް ކަމަށެވެ. މިއަދު ރާއްޖެއަށް ދިމާވެގެން މި އުޅެނީ ހަރުދަނާކަމެއް ނެތް ސިޔާސީ އިދިކޮޅު ފަރާތްތަކެއް ނެތް މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޤައުމަށް ދިމާވި ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ރާއްޖޭގެ ސަރުކާރުން މިހާހިސާބަށް އައިއިރުގައި ކަންކަން ކޮށްފައި އޮތްލެއް ފުރިހަމަކަމުން މުޅި ދުނިޔޭގެ ތާއީދާއި، ޔަގީންކަން މި ސަރުކާރާ ދޭތެރޭގައި އެބައޮތް ކަމަށް އޭނާ ފާގަކުރެއްވިއެވެ. އަދި ރާއްޖެއަށް އިންވެސްޓުކުރަން އަންނަ އިންވެސްޓަރުންގެ އިތުބާރު ވެސް މި ސަރުކާރާ ދޭތެރޭގައި އިންތިހާއަށް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''ހަމަ އެއާއެކުގައި ޓޫރިޒަމް މި ދަނީ އަނެއްކާވެސް ކުރީގެ ތަނަށް ރަނގަޅުވަމުން، ދޮންވަމުން. އިއްޒަތްތެރި ރައީސް، މި ބޭފުޅުން ކުރާ މިފަދަ ނޭދެވޭ ޢަމަލުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތައް ވަމުން މި ދަނީ އިއްޒަތްތެރި ރައީސް. މިއަދު ކިއުހަދައިގެން އެ ވާހަކަ އެ ބޭފުޅުން އެ ދައްކަނީ. ކައިރިކައިރީގައި ތިބި ވާހަކަ ދައްކާއިރުގައި މި ބޭފުޅުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިސްނައިދެމުންދިޔައީ އެ ވެކްސިން ނުޖެހުމަށް. އޭގެ ނަތީޖާ، މިއަދު އެންމެ ފަހު ވަގުތުގައި ކިއު ބޮޑުވެގެންދިއުން. މި ރާއްޖޭގެ ރައްޔިތުންނަށް ނުބައި މެސެޖު ދީ، މި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވައިލުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް އެއީ އިއްޒަތްތެރި ރައީސް.'' ޝަހީމް ވިދާޅުވިއެވެ.

މިއަދު ވެސް މިފަދަ ކަންކަން ކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު ނޭޅޭ މައްސަލައަކީ ހަގީގަތެއް ކަމަށާއި، އެއީ ނުހަނު ކަންބޮޑުވާ
ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

''މިފަދަ ފޯމް ޑޮކިއުމަންޓުތައް ހަދައިގެން ދިވެހިރާއްޖޭގެ ސަރުކާރާ ދޭތެރޭގައި ނަފްރަތު އުފައްދައި، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، މިފަދަ ޢަމަލުތައް ހިންގާ ބޭފުޅުންނާ ދޭތެރޭގައި ހަރުކަށި ފިޔަވަޅު ނޭޅޭތީވެ މިހެން ދިމާވެގެން މި އުޅެނީ އިއްޒަތްތެރި ރައީސް. އަޅުގަނޑު މިއަދުން މިއަދަށް ވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލަން! މިއަދު ޕީ.ޕީ.އެމް، ޕީ.އެން.ސީއޭ ކިޔައިގެން މި އުޅޭ ގްރޫޕު ހިފައި ހައްޔަރުކުރަން އިއްޒަތްތެރި ރައީސް. މި ހުރިހާ ކަމެއްގެ އަޑީގައި މި ބޭފުޅުން ތިބެގެން މި ހުރިހާ ޖަރީމާއެއް ހިންގަމުން މި ދަނީ އިއްޒަތްތެރި ރައީސް. ޙަޤީޤަތަކީ، މިއަދު މިއީކީ އޮޅިފައި އޮތް ކަމެއް ނޫން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް މަގުމަތިން ވަރަށް ސާފުކޮށް އެބަ އެނގޭ'' ޝަހީމް ވިދާޅުވިއެވެ.

އިންތިޚާބެއް ބޯމަތިވެގެން އަންނައިރުގައި އެމް.ޑީ.ޕީއާއި ދިމާލަށް އިނގިލި ދިއްކޮށްފައި ދައްކާނެ އޮންނާނީ ދެ ވާހަކައެއް ކަން މިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ޝަހީމް ވިދޅުވިއެވެ. އެއީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ވާހަކައާއި، އިސްލާމްދީނުގެ ވާހަކަމި ދެ ވާހަކަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަރަށް ރީތިކޮށް، ދޮގުތައް ހަދައިގެން އެވާހަކަ ދައްކައި އެތައްކަމެއް އެމްޑީޕީގެ ބޮލުގައި އަޅުވާނެ ކަމަށާއި، ނަމަވެސް މިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިފަހައްޓާނީ އެމް.ޑީ.ޕީން ކަމަށް ޝަހީމް ވިދާޅުވިއެވެ.