ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި އެވެ.
މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ހެލްތުއިން ކުރި ޢިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 މާރިޗު 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 16 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް، އެކަމަށް ތައްޔާރުކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.
މިގޮތުން ފުރިހަމަކުރާ ރެޖިސްޓްރޭޝަން ޝީޓް އީމެއިލް ކުރާނީ ކުރިން tender@health.gov.mv ނުވަތަ sh.atollhospital@health.gov.mv އަށް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ 18 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހެލްތު މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ނުވަތަ ށ. އަތޮޅު ހޮސްޕިޓަލް އަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކުރުމާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ޒުމްރަތު ''ތިލަދުން''އަށް ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަވެގެން ދިޔުމުން އެ ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ރައްޔިތުންނަށް އިތުރު ޚިދުމަތްތައް ތައާރަފް ވެގެން ދާނެކަމަށެވެ.
'' މި މަޝްރޫޢުގެ ސަބަބުން އިރާދަކުރެއްވިއްޔާ މި ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ، އިތުރު 4 ކޮންސަލްޓޭޝަން ރޫމާއި، ޑައިލަސިސް ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓަކާއި، މީޓިން ރޫމެއް ވެސް މި މަޝްރޫޢުގެ ތެރެއިން ނިމިގެންދާނެ''- ޒުމްރަތު ވިދާޅުވިއެވެ.
ށ. އަތޮޅު ހޮސްޕިޓަލަކީ ކުރު މުއްދަތެއް ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަކީ، އުތުރުގެ ތިންއަތޮޅު ހއ، ހދ، އަދި ށ. އަތޮޅަށް ޚާއްޞަކޮށްގެން ކޯވިޑް ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް، ޒޯން 1 ގައި ގާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ސެންޓަރު ވެސް ހުންނަ ހޮސްޕިޓަލެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު ކަމާއިއެކު ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް ކޮށްފައިވާއިރު، އެ ހޮސްޕިޓަލުންދޭ ޚިދުމަތްތައް ވަނީ ފުޅާކޮށް ތަރައްގީ ވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!