އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު، ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ.

ހޮނހިރު ދުވަހުގެ ރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފައިވަނީ ބްރައިޓަންއިން ލަނޑެއްޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

Ad
rt

މި މެޗުގެ ވަރަށް ކުރީކޮޅު ބްރައިޓަންއިން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހު ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރައިޓަންއަށް ބަދަލުވި އެޑަމް ލަލާނާއެވެ. ލަލާނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ މިޑްފީލްޑަރ މައުޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މި ލަނޑުގެ އިތުރުން ލަލާނާ ބޮލުން ފޮނުވާލި އިތުރު ހަމަލާއެއް ވަނީ ލެސްޓާގެ ގޯލު ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ލެސްޓާއިން ވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ. އަދި ބްރައިޓަންގެ ގޯލަށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. މިގޮތުން ލެސްޓާގެ މިޑްފީލްޑަރ ޓަވަރޭސް ބްރައިޓަންގެ ގޯލް އޭރިއާގެ ބޭރުގައިހުރެ ފޮނުވާލި ބާރު ހަމަލާ ބްރައިޓަންގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ

މި މެޗުގައި ލެސްޓާއިން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައި އިނާޗޯ ކާމިޔާބު ކުރި ލަނޑުންނެވެ. އިނާޗޯ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ މިޑްފީލްޑަރ ޓެލެމަންސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ލެސްޓާއިން މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ޑެނިއަލް އަމާޓޭއެވެ. މި ލަނޑު އަމާޓޭ ކާމިޔާބު ކޮށްފައިވަނީ ލެސްޓާގެ މިޑްފީލްޑް ކުޅުންތެރިޔާ މާކް އޯލްބްރައިޓަން ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުން މޮޅުވުމާއިއެކު ލެސްޓާވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 28 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ތިންވަނާގައި ލެސްޓާއަށްވުރެ އެއްމެޗު މަދުންކުޅެ 51 ޕޮއިންޓް ހޯދައިގެން މިވަގުތު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

އާދީއްތަ ދުވަހުގެ ރޭ މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު ޔުނައިޓެޑަށް ކާމިޔާބު ކުރެވިއްޖެނަމަ އެ ޓީމަށް އަލުން ދެވަނަ ލިބިގެންދާނެއެވެ.

މެޗުން ބަލިވުމުން ބްރައިޓަންއަށް މިހާރު ވަނީ ރެލިގޭސަން ޒޯނަށް ވެއްޓުމުގެ ބިރާ ކުރިމަތިވެފައެވެ. އެ ޓީމް މިވަގުތު ލީގުގެ 16 ވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 26 ޕޮއިންޓާއި އެކުގައެވެ.