ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީވުމަށް ފަހުވަގުތަށް މަޑުނުކޮށް އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހު ހުޅުވާލެވިފައިވާއިރު ރީރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބެއްގައިވެސް ރީރަޖިސްޓްރޭޝަނަށް ދެނީ 10 ދުވަހުގެ މުއްދަތެއްކަމަށާއި މި އިންތިޚާބުގައިވެސް އިލެކްޝަނުން ދަނީ ރީރަޖިސްޓްރީއަށް ހުޅުވާލި ދުވަހުން ފެށިގެން ކޮމިޝަނަށް ލިބޭ ސައްޚަ ހުރިހާ ފޯމެއް ބަލައިގަންނަމުންނެވެ. ނަމަވެސް ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރަތަމަ ދެ ދުވަހު އެންމެ އެކަށީގެންވާ ތަރުހިބެއް ނުލިބުނު ނަމަވެސް މިހާރު ފޯމު ހުށައަޅާ މިންވަރު އިތުރުވަމުން އަންނަކަމަށް އެ ކޮމިޝަނުން ފާހަގަ ކުރިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކާއި އާންމު ފަރުދުންވެސް ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތުގައި ފަހުވަގުތަށް ފޯމްތައް ހުށަހެޅުމަށް މަޑުނުކޮށް މިހާރުވެސް ހުރި ފޯމްތައް އިލެކްޝަންސްއަށް ހުށަހެޅުމަށް އިލްތިމާސް ކުރައްވާފައެވެ.
އިއްޔެގެ ނިޔަލަށް 474 ފޯމެއްވަނީ އިލެކްޝަންސްއަށް ހުށަހަޅާފަ އެވެ. ރީރަޖިސްޓްރީވުމަށް އެންމެ ގިނަ އަދަދަކަށް ފޯމް ހުށަހަޅާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި، ށ. އަތޮޅު ހިމެނޭ އިރު ހއ. އަތޮޅުން 54 ފޯމެއް އަދި ށ. އަތޮޅުން 53 ފޯމްވަނީ ހުށަހަޅާފަ އެވެ. އަދި ރިސޯޓްތަކުން ވަނީ ރީރަޖިސްޓްރޭޝަނަށް އިއްޔެގެ ނިޔަލަށް 48 ފޯމެއް ހުށަހަޅާފަ އެވެ. މިހާތަނަށް ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސަށް ފޯމް ހުށަހަޅާފައިވަނީ 21 އަތޮޅަކުންނާއި ރިސޯޓްތަކުންނެވެ.
ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްއިން އަދި 1414 އަށް އެސް.އެމް.އެސްކޮށްގެން ބެލޭނެކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.
ރީރަޖިސްޓަރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ / އަވަށު އޮފީހުން އަދި މާލެ އިންނަމަ އިންތިޚާބާ ބެހޭ މަރުކަޒުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!