މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހއ. އަތޮޅުގައި ގާއިމުކުރި ''ހއ. އަމާންވެށި'' ހުޅުވައިފިއެވެ.
މި އަމާންވެށި ހުޅުވީ، މިއަދު ހއ. އަތޮޅުގެ ވެރިކަންކުރާ ރަށް، ހއ. ދިއްދޫގައެވެ.
ދިއްދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، މިތަން ހުޅުއްވައި ދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.
މި އަމާންވެށި ހިންގަމުން ދާނީ، ދިއްދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދަށުންނެވެ.
އެ ސެންޓަރުގެ ފަރާތުން މިއަދުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ވަނީ، އެ ސެންޓަރުން އެންމެ އިސްކަމެއް ދޭނެ ކަމަކީ ހއ. އަތޮޅުގައި ގާއިމުކުރެވުނު އަމާންވެއްޓަށް ގެނެވޭ ކުދިންނަކީ އުފާވެރި ވެއްޓެއްގައި ބޮޑުވެގެން އަންނަ ޤައުމަށްފައިދާހުރި ދަރިން ތަކެއްގެ ގޮތުގައި ހެދުމަށް ކަމަށް ބުނެފައެވެ.
މިއަދު ހއ. އަތޮޅުގައި ހުޅުވި އަމާންވެއްޓަށް ވަނީ ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކު ބަދަލުކޮށްފައެވެ. އެކުދިން ދިއްދޫއަށް ގެނައީ، ޖެންޑަރ މިނިސްޓަރު މިއަދު އެރަށަށް ވަޑައިގަތްއިރު އެކަމަނާގެ އަރިހުގައެވެ.
އެކުދިންނަކީ އަތޮޅުތަކުގެ އަމާންވެއްޓަށް ގެންދިޔަ ކުދިން ތެރެއިން ، މިހާތަނަށް ގެންދެވުނު އެންމެ ތުއްތު ކުދިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!