އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭ ސިޓީގައި ކުރަމުންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން އިއްޔެ ހައްޔަރުކުރި އެ ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ (އަދުރޭ) އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާއިރު، އިއްޔެ އަދުރޭ ހައްޔަރު ކުރީ ކަކުލަށް ތަދުވާތީ މަގުމަތީ އިށީނދެ ވަޑައިގެން އިންނަވަނިކޮށް ކަަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އަދުރޭއާއި ޝުޖާއު ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރުމަށް ގޮވާލައި އިދިކޮޅުން ބޭއްވި އިހުތިޖާޖުގެ ތެރެއިން، އިއްޔެ މެންދުރުފަހު ދަރުބާރުގޭ ކައިރިންނެވެ.
އެ ދެބޭފުޅުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ދެ ބޭފުޅުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓުން ވަނީ ދޫކޮށްލަން އަމުރުކޮށްފައެވެ. އެއާއެކު އެ ދެ ބޭފުޅުންވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
ބަންދުން ދޫކޮށްލުމުން ނުކުމެވަޑައިގެން މީޑިއާ އަށް ދެއްވި އިންޓަވިއު އެއްގައި އަދުރޭ ވިދާޅުވީ އިއްޔެ އޭނާ ހައްޔަރު ކުރި ކުރުމަކީ އެއްވެސް ކަހަލަ ގަވާއިދަކާ ގާނޫނަކާއި އެއްގޮތަކަށް ކުރި ކަމެއްނޫން ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ކަކުލަށް ތަދުވާތީ މަގުމަތީ އިށީނދެވަޑައިގެން އިންނަވަނިކޮށް ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑު އިނީ ހަމަ ވަރަށް ރީއްޗަށް މަގުމަތީގައި އިށީނދެގެން ފެންނާނެ ވީޑިއޯއިން ބައްލަވާ ލެއްވީމަ. އަޅުގަނޑުގެ ކަކުލަށް ތަދުވާތީ މަޑު މަޑުން އެތާ ޖައްސާލީ.''
އަދުރޭ ވިދާޅުވިއެވެ.
މި ހިނގާ ޖެނުއަރީ މަހުގެ 25ވީ ހޯމަ ދުވަހު ވެސް ވަނީ އިދިކޮޅުން ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން އަދުރޭ އާއި ޝުޖާއު ހައްޔަރު ކުރުމަށްފަހު، ހަމަ އެދުވަހު ދޫކޮށްލާފަ އެވެ.
އިދިކޮޅު ލީޑަރ، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުއްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާއެއް ކުރިފަހުން އިދިކޮޅުން ވަނީ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް މި ޙުކުމް ކުރީ 28 ނޮވެމްބަރު 2019 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!