ލ. އަތޮޅު އެތެރެވަރީގައި އޮތް މަސްދޯންޏަކަށް ތޫނު ހަތިޔާރާއި އެކު އެރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 7 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން އާންމުކުރި މަޢުލޫމާތުގައި ބުނާ ގޮތުގައި، ރެއިން ފެށިގެން މިއަދު މެންދުރާއި ހަމައަށް މި މައްސަލައިގައި ތުހުމަތު ކުރެވޭ 7 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި މިހާތަނަށް ޖުމްލަ 16 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 9 މީހެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ ދޫކޮށްލާފައެވެ.

Ad
rt

މިމައްސަލައާއި ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނީ، މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 11:55 ކަންހާއިރު ތޫނު ހަތިޔާރާއި އެކު މަސްދޯންޏަކަށް ބަޔަކު އެރި ކަމުގެ މަޢުލޫމާތު ލިބުނު ކަމަށެވެ.

އެ ދޯންޏަށް އެރިމީހުން މާރާމާރީއެއް އަދި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި، ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށް އެ މައްސަލައާ ގުޅިގެން މިހާތަނަށް ސާފުކުރި މައުލޫމާތަށް ބަލައި ފުލުހުން ބުނެފައި ވެއެވެ.

އެ ދޯންޏަށް އެރި މީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށެވެ. އަދި މި މައްސަލަ ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.